ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުން 2019 ވަނަ އަހަރުގެ އެންޓި ޓޯޗަރ ރިޕޯޓު ޢާންމުކޮށްފި


01-08-2019ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުން 2019 ވަނަ އަހަރުގެ އެންޓި ޓޯޗަރ ރިޕޯޓު ޝާއިޢުކޮށް، ޢާންމުކޮށްފިއެވެ. މި ރިޕޯޓަކީ ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު 2013)ގެ 37 މާއްދާގެ (ށ)ގެ ދަށުން ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު، ޢާންމުކުރުމަށް ކޮމިޝަނަށް ލާޒިމްކޮށްފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ހިމަނާފައިވާނީ 2018 ޖުލައި 1 ވަނަ ދުވަހުން 2019 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ކޮމިޝަނާއި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުން މި ޤާނޫނު ތަންފީޛުކުރުމަށް ކޮށްފައިވާ މަސައްކަތްތަކެވެ.

މި ޤާނޫނުން ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތްތައް ތަންފީޛުކުރުމަށް ކޮމިޝަނަށް ލިބިފައިވާ ބަޖެޓާއި، ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާއި، ކޮމިޝަނަށް މި މުއްދަތުގައި ހުށަހެޅިފައިވާ ޓޯޗަރއާ ގުޅުންހުރި މައްސަލަތަކާއި، އެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ދިމާވާ ދަތިތަކާއި، ދައުލަތުގެ ބެލުމުގެދަށުގައި ކުދިންނާއި މީހުން ބައިތިއްބާ ތަންތަނަށް ކޮށްފައިވާ ޒިޔާރަތްތަކުން ފާހަގަވެފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާއި، ކޮމިޝަނާއި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުގެ މުވައްޒަފުންނަށް މި ޤާނޫނާ ގުޅިގެން ހިންގާފައިވާ ތަމްރީނާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާ އަދި ދައުލަތުގެ މުއައްސަސާތަކުން މި ޤާނޫނު ތަންފީޛުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް މި ރިޕޯޓުގައި ހިމަނާފައިވާނެއެވެ.

މި ރިޕޯޓުގެ މުއްދަތުގައި 48 (އަށާޅީސް) ހާލަތެއްގައި އަނިޔާކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ 43 (ތެޔާޅީސް) މައްސަލަ ކޮމިޝަނުން ތަޙްޤީޤުކޮށްފައިވެއެވެ. އެންޓި ޓޯޗަރ ޤާނޫނު 2013ގައި ޓޯޗަރގެ މައްސަލަތައް ބެލުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާއިރު، އެ މުއްދަތުގައި މައްސަލަތައް ބަލައި ނިންމުމުގައި ކޮމިޝަނަށް އެކި ދަތިތަކާ ކުރިމަތިވެފައިވެއެވެ.

އެގޮތުން، މައްސަލަތައް ސާބިތުކުރެވޭ މިންވަރަށް ހެކި ނުލިބުމާއި، ޕޮލިސް ސްޓޭޝަންތަކާއި ޖަލުތަކުގައި ސީ.ސީ.ޓީ.ވީގެ ވަސީލަތްތައް ގާއިމުކުރެވިފައިނެތުމާއި، ޓޯޗަރގެ މައްސަލަތަކުގެ ތަފުޞީލު މަޢުލޫމާތު މެޑިކޯލީގަލް ރިޕޯޓުތަކުގައި ރެކޯޑް ކުރެވެމުން ނުދިއުމާއި، ޙާއްސަ ޑޮކްޓަރުންނަށް ދެއްކުމަށްފަހު ޑޮކްޓަރުން ދޭ ލިޔެކިއުންތައް ކޮމިޝަނުގެ ތަޙުޤީޤު ބޭނުމަށް ހޯދުމަށް ދަތިތައް ކުރިމަތިވުމާއި، ފުލުހުންގެ ބެލުމުގެދަށަށް ގެންދެވޭ ފަރާތްތަކާ ގުޅޭ ލިޔެކިއުންތައް ގަވާއިދުން ބެލެހެއްޓިފައިނުވުމާއި، ހެކިންގެ ގޮތުގައި ފާހަގަވާ ފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު ނުލިބުމާއި، ތަޙުޤީގުތަކުގައި ލިބޭ ފޮރެންސިކް ހެކި އެކަށީގެންވާގޮތެއްގައި ރައްކާކުރެވޭނެ އިންތިޒާމާއި ތަޙްލީލުކުރެވޭނެ އިންތިޒާމު ކޮމިޝަނުގައި ހަމަޖެހިފައި ނެތުމާއި، ބަންދުގައި ހުރި މަރުކަޒު ނޫން އެހެން މަރުކަޒަކަށް ޑޮކްޓަރަށް ދައްކަން އެދިފައިވޭތޯ ބެލޭނެ ނިޒާމެއް ބަންދުގައި މީހުން ބައިތިއްބާ މަރުކަޒުތަކުގައި ހަމަޖެހިފައިނުވުމާ އަދި ޓޯޗަރގެ މައްސަލަތައް ތަޙްޤީޤުކުރާ އޮފިސަރުންނަށް އެފަދަ މައްސަލަތައް ބެލުމަށް ބޭނުންވާ އެކަށީގެންވާ ތަމްރީނާއި ހުނަރު ލިބިފައިނެތުން ހިމެނެއެވެ.

މީގެއިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި މިނިވަންކަން ގެއްލޭގޮތައް ކުދިންނާއި މީހުން ބައިތިއްބާ މަރުކަޒުތަކަށް ކޮށްފައިވާ މޮނިޓަރިންގ 4 (ހަތަރު) ޒިޔާރަތާއި، ފޮލޯއަޕް 2 (ދޭއް) ޒިޔާރަތާއި، ތީމެޓިކް ޒިޔާރަތެއް އަދި ކުރިން ކޮށްފައިވާ ޒިޔާރަތެއްގެ ރީ-ވިޒިޓާއެކު ޖުމްލަ 11 (އެގާރަ) ޒިޔާރަތެއް ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)އިން މި މުއްދަތުގައި ކޮށްފައިވެއެވެ. މި ޒިޔާރަތްތަކުގައި އެފަދަ ތަންތާނގައި އެއްވެސް އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯ ބަލައި، މި ޒިޔާރަތުން ފާހަގަވެފައިވާ ކަންކަމާއި އިސްލާޙުކުރުމަށް ފެންނަ ކަންކަމުގެމައްޗައް ބިނާކޮށް ހުށަހަޅާ ހުށަހެޅުންތަކަށް ރިޕޯޓުތައް އެކުލަވާލައި މި ރިޕޯޓުތައް ކަމާގުޅޭ މުއައްސަސާތަކާއި ޙިއްޞާކުރެވިފައިވާނެއެވެ. އަދި މި ހުށަހެޅުންތައް ތަންފީޛުކުރުމަށް ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާގުޅޭގޮތުން މަޝްވަރާކުރުމަށް 6 (ހައެއް) ބައްދަލުވުމެއް މި އިދާރާތަކާއެކު ބާއްވާފައިވާނެއެވެ.

މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާ މަރުކަޒުކަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެންޓި ޓޯޗަރ ޤާނޫނު 2013 އާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ތަޢުލީމު ދިނުމުގެ ގޮތުން އޮންލައިން ކޯހެއް ފަރުމާކުރުމާއި، މި ޤާނޫނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ މަސައްކަތްތަކެއް ކޮމިޝަނުން ކުރިޔަށް ގެންގޮސްފައިވެއެވެ.

މިއާއެކު، އަނިޔާކުރުމާއި، އެހެނިހެން އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލު ހިންގުމާއި އަދަބު ދިނުމާ ދެކޮޅު މުޢާހަދާ (ކެޓް ކޮންވެންޝަން)ގެ ދަށުން ތައްޔާރުކޮށްފައިވާ ޝެޑޯ ރިޕޯޓު، ކެޓް މުރާޖަޢާކުރާ އ.ދ ގެ ކޮމިޓީ (ކެޓް ކޮމިޓީ) އަށް ފޮނުވާފައިވަނީވެސް މި ރިޕޯޓުގެ މުއްދަތުގައެވެ.

މި ރިޕޯޓުގެ އިތުރު ތަފްސީލް ބޭނުންވާނަމަ ކޮމިޝަނުގެ ވެބްސައިޓު މެދުވެރިކޮށް ތިރީގައިވާ މި ލިންކްއިން މި ރިޕޯޓު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.