ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މާލެ ޖަލަށް ކުރި ފޮލޯ-އަޕް ޒިޔާރަތުގައި ފާހަގަކުރެވިފައިވާ މުހިންމު ކަންތައްތައް ޙިއްޞާކޮށްފި


11-06-2019ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން މާލެ ޖަލަށް 2019 އެޕްރީލް 24 އަދި 25 ގައި ކުރި ފޮލޯ-އަޕް ޒިޔާރަތުގައި ފާހަގަކުރެވިފައިވާ މުހިންމު ކަންތައްތަކުގެ މައްޗައް ބިނާކޮށް ތައްޔާރުކޮށްފައިވާ އަވަސް ކަރުދާސް 2019 ޖޫން 3 ވަނަ ދުވަހު މާލެ ޖަލާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ޙިއްޞާކޮށްފިއެވެ.

މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ މާލެ ޖަލަށް 2011، 2014 އަދި 2017 ވަނަ އަހަރު ކޮށްފައިވާ ޒިޔާރަތްތަކުގައި ފާހަގަ ކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކަށް ޙިއްޞާކޮށްފައިވާ ރިޕޯޓުތަކުގައި ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުކޮށްފައިވާ މިންވަރު ދެނެގަތުމާއި، ތަންފީޛު ނުވެ ގިނަ ދުވަސްވެފައިވާ ހުށަހެޅުންތައް ތަންފީޛުކުރުމަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމެވެ.

މި އަވަސް ކަރުދާހުގައި ޒިޔާރަތުން ފާހަގަކުރެވުނު މުހިންމު ކަންކަންވަނީ ފާހަގަކޮށްފައިއެވެ. މިގޮތުން، ރިމާންޑް ޖަލެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ މާލެ ޖަލުގެ އެނެކްސް 1 ގައި އެއްވެސް ޤައިދީއަކު އަދި ބަންދުމީހަކު ބަންދު ނުކުރުމަށާއި އެތަނުގައި ތިބި ޤައިދިންނާއި ބަންދުމީހުން އެއަށްވުރެ ރައްކާތެރި އެހެން މާޙައުލަކަށް ބަދަލުކުރުމަށް އަންގާފައިވާތީ ރަސްމީކޮށް އެނެކްސް ބަންދުކޮށް އެވަގުތު އެތަނުގައިތިބި ޤައިދީންނާއި ބަންދުމީހުން ޖަލުގެ އެހެނިހެން ޔުނިޓްތަކަށް ބަދަލުކޮށްފައިވީނަމަވެސް، އެނެކްސް ބައިގައި ހުރި ގޮޅިތައް އެއްވެސް މަރާމާތުކުރުމެއްނެތި އެހެނިހެން ކަންކަމުގައި މީހުން ބަންދު ކުރުމަށް ބޭނުން ކުރަމުންދާކަމާއި، ޖަލުގެ ޖާގައަށްވުރެ ގިނައިން ޖަލުގައި މީހުން ބަންދުކޮށްފައިތިބިކަމާއި، ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނާއި، ކުށުގެ ތުޙުމަތަށް ބަންދުކުރާ މީހުން ވަކިން ބޭތިއްބުމަށާއި، އެ މީހަކު ކުރާ ކުށެއްގެ ކުޑަބޮޑު މިނަށާއި، ކުށުގެ ބާވަތައް ބަލައި ގޮޅިތަކަށް މީހުންލުމަށް ކޮމިޝަނުން މީގެކުރިން ހުށަހެޅުންތައް ހުށަހަޅާފައިވީނަމަވެސް، އެ ހުށަހެޅުންތަކާ އެއްގޮތަށް ޢަމަލުކުރަމުން ނުދާކަމާއި، އެނެކްސް ބަންދުކުރުމަށްފަހު އެ ބައިގައި ތިބި އުމުރުން ދުވަސްވީ މީހުން، ޖަލުގެ މެޑިކަލް ބައިގެ ވޯޑުގައި ބައިތިއްބާފައި ތިބިކަމާއި، ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ޤައިދީން ދެއްކުމުގައި ގިނަ ދުވަސްތަކެއް ހޭދަވާކަމާއި، ޖަލުގައި ޞިއްޙީ މައްސަލަތައްހުރި މީހުން ގިނަކަމާއި، ޝަރީޢަތުގެ މަރުޙަލާގައި 7 އަހަރު ވެފައިވާ މީހުންނާއި "ވާނުވާ"ގައި (ޝަރީޢަތް ނިމެންދެން)ގިނަ އަދަދަކަށް ތިބި މީހުންނާއި ޝަރީއަތް ކުރިއަށްނުގޮސް ގިނަ އަހަރުތަކެއްވެފައިވާ މީހުން ތިބި ކަމާއި، މި ޖަލުގައި ބަންދުގައިތިބޭ ބިދޭސީންނަށް އެމީހުން ނިސްބަތްވާ ޤައުމުތަކުގައި ނުރައްކާތެރި ހާދިސާތަކާއި ކުއްލި ޙާލަތްތަކުގައިވެސް އާއިލާގެ ޙާލު އޮޅުންފިލުވޭނެފަދަ އިންތިޒާމެއް ހަމަޖެހިފައިނުވާކަމާއި، މުވައްޒަފުން މަދުވުމުގެ ސަބަބުން ބަންދުގައިތިބޭ މީހުން ޔާޑަށް ހިނގާ ކަސްރަތުކުރުމަށް ނުނެރޭކަމާއި، ކެއުންބުއިމަށްދޭ ތަކެތީގެ ފެންވަރު ދަށްކަމާއި، 2011، 2014 އަދި 2017 ވަނަ އަހަރު މި ޖަލަށް ކޮށްފައިވާ ޒިޔާރަތްތަކުގެ ރިޕޯޓުތަކުގައި ފާހަގަކޮށް އިޞްލާޙްކުރުމަށް ހުށަހަޅާފައިވާ ގިނަ ކަންތައްތަކެއް މި ޒިޔާރަތުގައިވެސް އިޞްލާޙުނުކުރެވިހުރިކަން ފާހަގަކުރެވިފައިވެއެވެ. މާލެ ޖަލަށް ކުރި މި ޒިޔާރަތުން ސިއްޙީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވުމާއެކު ކޮމިޝަނުގެ އިސްނެގުމުން ބަންދު މީހުންގެ ސިއްޙަތާ ގުޅުންހުރި 30 މައްސަލައެއް ކޮމިޝަނުންވަނީ ތަހުޤީޤުކުރަން ފަށާފައެވެ.

މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓު ހުށަހެޅުންތަކާއެކު، މާލެ ޖަލާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ޙިއްޞާކުރުމަށްފަހު، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި މާލެ ޖަލުގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބޭއްވޭނެއެވެ.

މީގެއިތުރުން، ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، މުޅި އަހަރުތެރޭގައި ފޮލޯއަޕް ހަދަމުން ދާނެއެވެ.
މާލެ ޖަލަށް ކޮމިޝަނުން މިހާތަނަށް ޖުމްލަ 9 ޒިޔާރަތެއް ކޮށްފައިވެއެވެ.