ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ކޮމިޝަން ފޮރ ޕްރިޒަންސް އޯޑިޓްއިން ނެރެފައިވާ 'ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓު 2019' ގައިވާ މަޢުލޫމާތާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ނެރޭ ނޫސްބަޔާން


29-05-2019ތާރީޙް: 

ކޮމިޝަން ފޮރ ޕްރިޒަންސް އޯޑިޓްއިން ތައްޔާރުކޮށް، 2019 ވަނަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހު މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން ޢާންމުކޮށްފައިވާ 'ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓު 2019' އަކީ ޤާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އިން މި ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި، ޤާނޫނު ނަންބަރު 2013/13 (އެންޓި-ޓޯޗަރ ޤާނޫނު 2013)ގެ ދަށުން މި ކޮމިޝަނުން ބަލަމުންދާ ޓޯޗަރގެ މައްސަލަތަކާއި، ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ތިބޭމީހުންގެ އެންމެހައި ޙައްޤުތައް ކަށަވަރުކުރުމަށް މި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި، މި ރިޕޯޓު އެކުލަވާލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކޮމިޝަން ފޮރ ޕްރިޒަންސް އޯޑިޓްއަށް ފޯރުކޮށްދީފައިވާ މަޢުލޫމާތުތަކަށް ރިޔާޢަތްކުރުމެއް ނެތި، ހަޤީޤަތާ ޚިލާފު މަޢުލޫމާތު ހިމަނައިގެން ނެރެފައިވާ ޒިންމާދާރުކަން ކުޑަ ރިޕޯޓެއްކަން ހިތާމައާއެކު ފާހަގަކުރަމެވެ.

އަދި އެ ރިޕޯޓުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ރަނގަޅުކުރުމަށް ހުށަހަޅާފައިވާ ގިނަ ހުށައެޅުންތަކަކީ ހިއުމަން ރައިޓްސް ކޮމިޝަނުން އެކި ފަހަރު މަތިން އެ އިދާރާތަކަށް ހުށަހަޅައި، އެކަންކަން ތަންފީޛުކުރުމަށް އެތަކެއް މަސައްކަތްތަކެއްކޮށް، މިހާރުވެސް އެ ހުށަހެޅުންތައް ތަންފީޛުކުރުމަށް އެތަކެއް މަސައްކަތްތަކެއް ކުރަމުންދާ ހުށަހެޅުންތަކެއްކަން ފާހަގަކުރަމެވެ.