ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކުރި މޮނިޓަރިންގ ޒިޔާރަތުގައި ފާހަގަކުރެވިފައިވާ މުހިންމު ކަންތައްތައް ޙިއްޞާކޮށްފި


26-05-2019ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 2019 އެޕްރީލް 29 އަދި 30 ގައި ކުރި މޮނިޓަރިންގ ޒިޔާރަތުގައި ފާހަގަކުރެވިފައިވާ މުހިންމު ކަންތައްތަކުގެ މައްޗައް ބިނާކޮށް ތައްޔާރުކޮށްފައިވާ ކަރުދާސް އަވަސް ކަރުދާސް 2019 މެއި 19 ވަނަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ ޙިއްޞާކޮށްފިއެވެ.

މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭ އެއްވެސް އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯ ބެލުމާއި، ދައުލަތުގެ ބެލުމުގެދަށުގައި ތިބޭ ފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމާއި، މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނަށާއި މުވައްޒަފުންގެ ޢާންމު ޙާލަތު ދެނެގަތުމެވެ. މި ޒިޔާރަތައްފަހު ކޮމިޝަނުގެ ހުރި ކަންބޮޑުވުންތައް ޙިއްޞާކުރުމަށް 2019 މެއި 2 ވަނަ ދުވަހު ކޮމިޝަނުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ވަނީ ބައްދަލުކޮށްފައެވެ.

މި އަވަސް ކަރުދާހުގައި ޒިޔާރަތުން ފާހަގަކުރެވުނު މުހިންމު ކަންކަންވަނީ ފާހަގަކޮށްފައިވެއެވެ. މިގޮތުން، ބޭސްފަރުވާގެ އިތުރުން ބަލި މީހުންނަށް ފޯރުކޮށްދޭންޖެހޭ އެހެނިހެން ތެރަޕިއުޓިކް އިންޓަރވެންޝަން އެންމެ އެދެވޭގޮތަށް ފޯރިކޮށްދިނުމަށާއި، ބަލި މީހުންނަށް އަންނަ ބަދަލު ދެނެގަތުމަށް ހެދޭ އެސެސްމަންޓް ގަވައިދުން ނެހެދޭކަމައި، ބަލި މީހުން ބައިތިއްބާ ވޯޑުތަކުގައި ޖާގައިގެ އިތުރުން މީހުން ބައިތިއްބާފައި ތިބިކަމާއި، އިމާރާތް ބާވެ، މަރާމާތު ނުކުރެވި ގިނަ ދުވަސްވެފައިވާތީ އިމާރާތުގެ ޙާލަތު ދަށްވެފައިވާކަމާއި، މަރުކަޒުން ފަރުވާ ހޯދަމުންދާ ބަލި މީހުންގެ އަދަދާ އަޅާބަލާއިރު، ބަލި މީހުން ބަލަހައްޓާ ކެއަރ ވޯކަރުންގެ ޢަދަދު މަދުކަމާއި، ރަށުގައި ޤާއިމްކޮށްފައިވާ ފެން ޕްލާންޓުން މުޅި ރަށަށް ބޭނުންވާވަރަށް ފެން އުފައްދައި ނުދޭތީ ހަފްތާއަކު 3 ނުވަތަ 4 ދުވަހު މަރުކަޒުން ފެނުގެ ޚިދުމަތް ކެނޑޭކަމާ އަދި މި އަހަރުގެ ކުރީކޮޅުގައި މިނިސްޓްރީ އޮފް ހެލްތުން ފާސްކޮށްފައިވާ މަރުކަޒުގެ އަތްމަތީ ފޮތައް މުވައްޒަފުން އަހުލުވެރިކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ.

މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓު ހުށަހެޅުންތަކާއެކު، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހަށް ޙިއްޞާކުރުމަށްފަހު، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއެކު އިތުރު ބައްދަލުވުމެއް ބޭއްވޭނެއެވެ.

މީގެއިތުރުން، ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯއަޕް ހަދަމުން ދާނެއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 2008 ވަނަ އަހަރުން ފެށިގެން ކޮމިޝަނުން ގަވައިދުން ޒިޔާރަތްކޮށް، މިހާތަނަށް ޖުމްލަ 12 ޒިޔާރަތެއް ކޮށްފައިވެއެވެ.