ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް މޮނިޓަރިންގ ޒިޔާރަތެއްކޮށްފި


21-05-2019ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ހުޅުމާލޭގައި އަލަށް ހުޅުވި ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް 2019 މޭ 21 ގައި ވަނީ މޮނިޓަރިންގ ޒިޔާރަތެއްކޮށްފައެވެ. މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގެ ޙާލަތު ދެނެގަތުމާއި، މި ސެންޓަރުގައި ހުކުމް ތަންފީޛު ކުރަމުންދާ ޤައިދީންނާއި ރާއްޖެއިން ފުރުވާލެވެންދެން މި ސެންޓަރުގައި ބަންދުކޮށްފައިވާ ބިދޭސީންނަށް އެ މީހުންނާ ދޭތެރޭ އެއްވެސް އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، ދަޢުލަތުގެ ބެލުމުގެދަށުގައި ބައިތިއްބާފައިތިބޭ މީހުންނަށް ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބަލައި، މި ސެންޓަރުގައި ބަންދުކޮށްފައިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމެވެ.

މި ޒިޔާރަތުގައި ވަގުތުން ވަގުތައް އިސްލާހުކުރަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަން ކަމާގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެއެވެ. އަދި މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު ހުޅުމާލެ ޑިޓެންޝަން ސެންޓަރާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި މޯލްޑިވްސް އިމިގްރޭޝަނާއި އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާއި ޙިއްޞާކޮށް، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ފަރާތްތަކާއެކު ބައްދަލުވުމެއް ބާއްވައި، މި ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯއަޕް ހަދަމުން ދާނެއެވެ.

ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް ކޮމިޝަނުން އެންމެފަހުން ޒިޔާރާތްކޮށްފައިވަނީ 2018 ގައެވެ.