ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވިހެއުމާގުޅިގެންދެވޭ ޗުއްޓީއަށް ބަދަލުގެނެސްފި


03-04-2019ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވިހެއުމާއިގުޅިގެން ދެވޭ ޗުއްޓީގެ މުއްދަތު 2019 އެޕްރީލް 2 ގައި އިތުރުކޮށްފިއެވެ. މިގޮތުން އަނބިމީހާ ވިހެއުމާގުޅިގެން ފިރިހެން މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް، ދަރިފުޅު އުފަންވާ ތާރީޚުން ފެށިގެން ދަރިފުޅަށް 7 މަސް ދުވަސް ވުމާ ދެމެދު ބަންދު ދުވަސްތައް ހިމަނައިގެން 1 މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މުވައްޒަފެއް ބަލިވެއިނދެ، 16 ހަފްތާއަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަރިފުޅު ބައިގެން ދިއުންފަދަ ކަމެއް ދިމާވެއްޖެނަމަ ބަންދު ދުވަސްތައް ހިމަނައިގެން 15 ދުވަހުގެ ޗުއްޓީއެއް، 16 ހަފްތާ އާއި 27 ހަފްތާއާ ދެމެދު ބައިގެން ދިއުން ނުވަތަ ވިހޭ ދަރިފުޅުގެ ފުރާނަ ނެތުން ފަދަ ޙާލަތެއް ދިމާވެއްޖެނަމަ، ބަންދު ދުވަސްތައް ހިމަނައިގެން 1.5 މަސް ދުވަހުގެ ޗުއްޓީއެއް، އަދި މުވައްޒަފެއް ބަލިވެއިނދެ، 27 ހަފްތާގެ ފަހުން ވިހޭ ދަރިފުޅުގެ ފުރާނަ ނެތްނަމަ، ބަންދު ދުވަސްތައް ހިމަނައިގެން މުސާރަ ލިބޭގޮތަށް 3 މަސްދުވަހުގެ ޗުއްޓީއެއް މުވައްޒަފަށް ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން މާބަނޑު މުވައްޒަފުން ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއްވުމުގެ ސަބަބުން އޮފީހަށް ނުކުންނަން ޢުޒުރުވެރިވާނަމަ، ރަޖިސްޓްރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއަކު އެކަންބަޔާންކޮށް ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ 6 މަހުން ނުކެނޑޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ލިބޭގޮތަށް 1 މަސްދުވަހުގެ ޗުއްޓީ އަދި މުސާރަ ނުލިބޭގޮތަށް އިތުރު 1 މަސްދުވަހުގެ ޗުއްޓީއެއް ވިހެއުމުގެ ކުރިއަށް ނެގިދާނެއެވެ.

ހަމަ މިއާއެކު، 2018 މާރިޗު 8 ވަނަ ދުވަހުން ފެށިގެން ކޮމިޝަނުގެ އަންހެން މުވައްޒަފުންނަށް ވިހެއުމާގުޅިގެން މުސާރަ ލިބޭގޮތަށް 6 މަސްދުވަހުގެ ޗުއްޓީ ދެވެއެވެ. އަދި މާބަނޑު ދުވަސްވަރު، ފްލެކްސިބަލް ބްރޭކްގެ ގޮތުގައި 1 ގަޑިއިރު ދެވެއެވެ. މި ބްރޭކަކީ އޮފީސް ފެށޭ ގަޑި ނުވަތަ ނިމޭ ގަޑިއަށްވެސް ނެގޭ ބްރޭކެކެވެ. މިއީ މެންދުރު ކެއުމަށް ދެވޭ 1 ގަޑިއިރުގެ ހުސްވަގުތުކޮޅުގެ އިތުރަށް ދެވޭ ބްރޭކެކެވެ.