ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާ ބައްދަލުކުރައްވައިފި


25-03-2019ތާރީޙް: 

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފްއާއި އެ މިނިސްޓްރީގެ މެނޭޖްމަންޓް ލެވެލްގެ ބޭފުޅުންނާ ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސާއި މެންބަރުން އަދި މެނޭޖްމަންޓް ލެވެލްއިން 2019 މާރިޗް 25 ވީ ހޯމަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

މިއީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މަޤާމާ އަލްފާޟިލާ ޝިދާތާ ޝަރީފް ޙަވާލުވެވަޑައިގަތުމާ ގުޅިގެން، ތަޢާރަފްވުމުގެ ގޮތުންނާއި އަދި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު ނަމްބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު)ގެ 20 ވަނަ މާއްދާއިން ކޮމިޝަނަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިނިސްޓްރީގެ ބެލުމުގެދަށުން ހިނގާ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުތަކާ ގުޅޭގޮތުން ކޮމިޝަނަށް ހުށައެޅޭ މައްސަލަތަކާ ގުޅިގެން ކޮމިޝަނަށް ފާހަގަކުރެވޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ދައުލަތުގެ ބެލުމުގެދަށުގައި ކުދަކުދިންނާއި މީހުން ބައިތިއްބާފައިތިބޭ ތަންތަނުގެ ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރތައް މުރާޖަޢާ ކުރުމަށާއި އެތަންނަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތަކެއް ރާވައި ހިންގުމަށް ޓައިމްލައިންއެއް އެކުލަވާލުމަށް ނިންމުނެވެ.