ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުން ޤާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމުގެ ގަވާއިދު ގެޒެޓްކޮށްފި


11-03-2019ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުން ޤާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމުގެ ގަވާއިދު މުރާޖަޢާކޮށް، އައު ޤަވާއިދު އެކުލަވާލައި، 2019 މާރިޗު 6 ގައި ގެޒެޓްކޮށްފިއެވެ. މި ގަވައިދު އެކުލަވައިލައިފައިވަނީ ޤާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 31 ވަނަ މާއްދާގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބޭނުންކުރުމުގައި މާލީގޮތުން ދަތިވާ ފަރާތްތަކަށް ހިލޭ ޤާނޫނީ އެހީތެރިކަން ހޯދޭނެ ފުރުޞަތު އިތުރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

މި ގަވައިދު މުރާޖަޢާކޮށްފައިވަނީ 2012 ވަނަ އަހަރުން ފެށިގެން މި ކޮމިޝަނުން ޢަމަލުކުރަން އައި ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދަށް ޢަމަލުކުރުމުގެ ތެރޭގައި ފާހަގަކުރެވުނު ކަންކަމަށް ރިޢާޔަތްކޮށް، މިހާރަށްވުރެ ފުޅާކޮށް މި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. މި ގޮތުން ޤާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދޭނެ ފަރާތްތަކުގެ ޝަރުތުތައް ލުއިކޮށްދީ، އެފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ބާވަތްތައް އިތުރުކޮށްފައިވާނެއެވެ. އަދި މި ގަވާއިދުގެ ދަށުން ޤާނޫނީ އެހީތެރިކަން ދޭނެ މައްސަލަތައް ކަނޑައެޅުމުގައި މުޖުތަމަޢުގެ ޚާއްޞަ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ސަމާލުކަމަށް ދިނުމުގެ ގޮތުން ކުޑަކުދިންނާއި، އެކި ބާވަތުގެ އަނިޔާއާއި ތަފާތުކުރުންތައް ކުރިމަތިވާ އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްޞަ އެހީތެރިކަން ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކަން ދެވޭނެއެވެ. ހަމައެހެންމެ، މި ޤަވާއިދުގެ ދަށުން ހުރިހާ ބާވަތެއްގެ މަދަނީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަންވެސް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން، ކުށުގެ މާހައުލަށް ހުށަހެޅޭ ޒުވާނުންނަށް އިސްލާޙުވުމަށް ފުރުޞަތުތައް އިތުރުކޮށްދިނުމުގެ ގޮތުން އުމުރުން 18 އަހަރާއި 21 އަހަރާ ދެމެދުގެ ފަރާތްތަކުގެ ތެރެއިން 1 އަހަރަށްވުރެ ކުރު ޙުކުމެއް ކަނޑައެޅޭ ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މި ކޮމިޝަނުގައި މަސައްކަތްކުރަމުންދާ ޤާނޫނީ ދާއިރާއިން ތަޢުލީމާއި ތަމްރީން ލިބިފައިވާ ފަރާތްތަކުގެ ނިސްބަތަށް ބަލައި، މި ގަވާއިދު އިސްލާހުކުރުމުގެ ކުރިން، ހިލޭ ޤާނޫނީ އެހީތެރިކަން ލިބުމުގެ ޝަރުތުތަކުގެ ތެރޭގައި މަހަކު 4،000 ރުފިޔާއަށްވުރެ މަދު އަދަދެއް ލިބޭ މީހެއްކަމުގައި ކަނޑައަޅާފައިވީނަމަވެސް، މިހާރު މި ކޮމިޝަނުންވާނީ މުސާރައިގެ ގޮތުގައި 10,000 ރުފިޔާއަށްވުރެ މަދުން ލިބޭ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަމަށް އެދެވޭނެކަމަށް ކަނޑައަޅާފައެވެ. މީގެ އިތުރުން އެންމެ ބޮޑަށް ޤާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިސްކަންދިނުމުގެ ގޮތުން ދައުލަތުގެ އެހެން އެއްވެސް މުއައްސަސާއަކުން ނުވަތަ އެހެން ފަރާތަކުންވެސް ޤާނޫނީ އެހީ ހިލޭ ލިބޭ ފަރާތްތައް މި ގަވާއިދުގެ ދަށުން އިސްތިސްނާކޮށްފައިވާނެއެވެ.


މި ގަވާއިދުގެ ދަށުން ޤާނޫނީ ލަފާދިނުމާއި، ކޯޓުތަކުގައި ތަމްސީލުކޮށްދިނުން އަދި ކޯޓުން ބޭރުގައި މައްސަލަ ޙައްލުކޮށްދިނުމަށް އެހީތެރިވެދިނުމުގެ ޚިދުމަތް ހިއުމަން ރައިޓްސް ކޮމިޝަނުން ފޯރުކޮށްދެވޭނެއެވެ. ޤާނޫނީ އެހީތެރިކަން ހޯދަން އެދޭ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު މި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހެޅޭ ފޯމުތައް ލިބޭތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ކޮމިޝަނުން ގޮތެއް ނިންމައި، އެ މައްސަލައިގައި ޤާނޫނީ އެހީތެރިކަމުގެ ޚިދުމަތް ފޯރުކޮށްދެވޭކަން ނުވަތަ ނޫންކަން، ފޯމު ހުށަހެޅި ފަރާތަށް ސަބަބާއެކު ލިޔުމުން އެފަރާތަށް އަންގައި ޚިދުމަތްދޭން ފަށާނެއެވެ.

އަލަށް އިސްލާޙުކުރެވުނު މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ ގެޒެޓްކުރެވުނު ތާރީޚުން ފެށިގެން 3 މަސް ދުވަސް ހަމަވާ ތާރީޚުންނެވެ. މި މުއްދަތުގެ ތެރޭގައި މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާއި ބައްދަލުކޮށް، އިތުރު އިންސާނީ ވަޞީލަތްތައް ހޯދައި، މި ގަވާއިދަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެއެވެ.
މި ގަވައިދު ދިވެހިސަރުކާރުގެ ގެޒެޓުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކް އިން ލިބޭނެއެވެ.
http://www.gazette.gov.mv/gazette/download/5481