ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން - PR-02/2019


08-03-2019ތާރީޙް: 

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދީ އެންމެހާ ފަރާތްތަކަށް ފޮނުވަމެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އުފާވެރި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި އަންހެނުން އަދާކުރާ ދައުރުގެ މުހިއްމުކަން ފާހަގަކޮށް، ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަށް ބާރުއެޅުމާއި މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށް ހަނދާންކޮށްދިނުމާއި އަންހެނުންނާމެދު ކުރެވޭ އެންމެހާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް ފަރުދީ އަދި ޤައުމީ ފެންވަރުގައި ކުރެވެންހުރި މަސައްކަތްތައް ކުރުމަށް ބާރުއެޅުމެވެ.
މިއަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ؛
“Think equal, build smart, innovate for change”
މި ޝިޢާރު ބިނާވެފައިވަނީ، އަންހެނުން ބާރުވެރިކުރުވައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި އީޖާދީ ގޮތްތައް ބޭނުންކުރުމުގެ މައްޗަށެވެ. އެގޮތުން، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމާއި އާންމު ޚިދުމަތްތައް ލިބުމުގައި ހަމަހަމަ ފުރުސަތު ލިބުމާއި ދެމެހެއްޓެނިވި ބިނާވެށި (ސަސްޓެއިނަބަލް އިންފްރާސްޓްރަކްޗަރ) އިތުރަށް ތަރައްޤީކުރުމުގެ މައްޗަށެވެ.
އަންހެނުން ބާރުވެރިކުރުވައި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގައި ލިބިފައިވާ ކުރިއެރުންތަކަށް ބަލާއިރު، ޖެންޑަރ އީކުއާލިޓީ ޤާނޫނު ތަސްދީޤުވެފައިވުމާއި، ޖެންޑަރ އީކުއާލިޓީ އެކްޝަން ޕްލޭން އެކުލަވާލެވި، ނެޝަނަލް ޖެންޑަރ އީކުއާލިޓީ ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި އަންހެނުންގެ ތަރައްޤީއާއި މުޖުތަމަޢުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ކުރަމުންގެންދާ މަސައްކަތް ފާހަގަކުރަމެވެ.
އަންހެނުންގެ ޙައްޤުތަކާ ގުޅޭގޮތުން 2018 ވަނަ އަހަރު މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ގެވެށިއަނިޔާގެ މައްސަލަތަކާއި ކައިވެނި ރޫޅުމުން ދިމާވާ މައްސަލަތަކާއި އިންސާފުލިބުން ލަސްވުމުން އަންހެނުންނަށް ދިމާވާ މައްސަލަތަކާއި ވަޒީފާ އަދާކުރުމުގެ ޙައްޤަށް ހުރަސްއެޅިގެން ހުށަހަޅާފައިވާ މައްސަލަތައް ހިމެނެއެވެ. އަދި ރާއްޖެއިން ބޭރު މީހުންނާ ކައިވެނި ކުރާއިރު އެމީހާއާއި ބެހޭ މަޢުލޫމާތު ފުރިހަމައަށް ހޯދާފައިނެތުމުގެ ސަބަބުން މައްސަލަތަކާ ކުރިމަތިވާހިނދު އެމީހާ ޖަވާބުދާރީ ނުކުރެވުމުން ދިމާވާ މައްސަލަތައް ހިމެނެއެވެ.
އެހެންކަމުން، އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު ފުރިހަމައަށް ތަންފީޒުކޮށް، މި ޤާނޫނުތަކުގެ ދަށުން އަންހެނުންނަށް ލިބިދޭ ރައްކާތެރިކަމާމެދު ކަމާ ގުޅުންހުރި ފަރާތްތައް ހޭލުންތެރިކުރުމަށާއި، ރައްކާތެރިކަން ފޯރުކޮށްދިނުން ހަލުވިކުރަންޖެހެއެވެ. އާއިލާ ރޫޅޭ ޙާލަތްތަކުގައި އަންހެނުން އުފުލަންޖެހޭ ތަކުލީފު ކުޑަކުރުމަށްޓަކައި އާއިލާއާބެހޭ ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމާއެކު ކައިވެނިކުރާއިރު ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތުތައް ފުރިހަމަކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އަދި އާއިލާ ރޫޅުމާ ގުޅިގެން އަންހެނުންނަށް ދިމާވާ މިފަދަ އުނދަގޫ ވަގުތުތަކުގައި އެފަރާތްތަކަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން އާއިލާއާއި މުޖުތަމަޢުގެ ފަރާތުން ފޯރުކޮށްދޭންޖެހެއެވެ.
ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަމަށްވާއިރު، މުޖުތަމަޢުގެ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ޖެންޑަރ އީކުއާލިޓީ ޤާނޫނާއި ޖެންޑަރ އީކުއާލިޓީ އެކްޝަން ޕްލޭން އަދި ނެޝަނަލް ޖެންޑަރ އީކުއާލިޓީ ޕޮލިސީ ފުރިހަމައަށް ތަންފީޒުކުރުމާއެކު އެއާ އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް ޢަމަލުކުރަންޖެހެއެވެ. އަދި މުޖުތަމަޢު ބިނާކުރުމަށް އަންހެނުންނަށް ހަމަހަމަ ފުރުޞަތުދީ، ސިޔާސީ ދާއިރާއާއި ގޮތް ނިންމާ ފެންވަރުގެ މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރޭވުންތެރިކަމާއެކު ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހެއެވެ. މީގެއިތުރުން، އަންހެނުންނާމެދު މުޖުތަމަޢުދެކޭގޮތާއި ޤައުމުގެ ކުރިއެރުމަށާއި ތަރައްޤީގައި އަންހެނުން ހިއްސާވުމުގެ މުހިއްމުކަމާމެދު އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް މީޑިއާއިން ކުރަމުންގެންދާ މަސައްކަތް އިތުރުކުރުމަށްވެސް އިލްތިމާސްކުރަމެވެ.