ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން - PR-01/2019


04-03-2019ތާރީޙް: 

2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވްކުރުމުގެ މަސައްކަތް ކޮމިޝަނުންދަނީ ކުރަމުންނެވެ. މިގޮތުން މިހާތަނަށް މި ކޮމިޝަނުން ކުރިޔަށްގެންގޮސްފައިވާ މީޑިއާ މޮނިޓަރިންގގެ ތެރޭގައި، ބައެއް ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤަށް އަސަރުކޮށްފާނެ ފަދަ ކަންކަން ކުރުމާއި، އެންޓި ކެންޕޭން ކުރުމާއި، ބައެއް ކެންޑިޑޭޓުންގެ އަބުރަށް ބުރޫއަރާނެފަދަ ގޮތްގޮތައް އެ ކެންޑިޑޭޓުންގެ ޒާތީ ކަންކަމަށް ފާޑުކިޔުމާއި، އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހަދިޔާއާއި، ރިޝްވަތު ދިނުން ފަދަ ކަންކަންވަނީ ފާހަގަކުރެވިފައެވެ. މިހެންކަމުން، މިފަދަ ކަންކަމާ ގުޅިގެން ކޮމިޝަނުން ކަމާ ގުޅުންހުރި އިދާރާތަކާއި ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ސިޔާސީ ޕާޓީތަކުންނާއި އަމިއްލަގޮތުން ގިނަ ޢަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބުގައި، އިންތިޚާބީ ޤާނޫނުތަކަށް އިޙްތިރާމް ކުރުމަށާއި، އެންޓި ކެންޕޭން ނުކުރުމަށާއި، ވޯޓަށް ނުފޫޒުފޯރުވުމުން އެއްކިބާވުމަށާއި، އެއްވެސް ކެންޑިޑޭޓަކަށް ފުރައްސާރަކޮށް އެފަރާތްތަކުގެ އަބުރުގެއްލޭފަދަ ކަންކަން ނުކުރުމަށާއި، މުޖުތަމަޢުގައި ރުޅިވެރިކަމާއި ފިތުނަ ފަސާދައުފެދި ޢާންމު މަސްލަޙަތު ގެއްލޭ ގޮތަށް ކެމްޕޭން ކުރުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް ސިޔާސީ ޕާޓީތަކަށާއި، އަމިއްލަ ކެންޑިޑޭޓުންނަށާއި، އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.