ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ރ. މަޑުއްވަރީގައި އާންމުން ދިރިއުޅޭ ސަރަހައްދާ ކައިރިން ފައިބަރުގެ މަސައްކަތްކުރާތީ އާންމުންގެ ސިއްޙަތަށް ގެއްލުންވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގެ ތަޙްޤީގާ ގުޅޭ


04-02-2019ތާރީޙް: 

ރ. މަޑުއްވަރީގައި އާންމުން ދިރިއުޅޭ ސަރަހައްދާ ކައިރިން ފައިބަރުގެ މަސައްކަތްކުރާތީ އާންމުންގެ ސިއްޙަތަށް ގެއްލުންވާކަމަށް ބުނެ 7 ޖަނަވަރީ 2016 ގައި ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއެކު ހިއުމަން ރައިޓްސް ކޮމިޝަނުން ރ. މަޑުއްވަރީއަށް 30 - 31 ޖަނަވަރީ 2019 ޒިޔާރަތެއްކޮށްފިއެވެ.

މި ޒިޔާރަތުގައި ރ.މަޑުއްވަރީގައި ފައިބަރު މަސައްކަތްކުރަމުންދާ ތަންތަން ބަލައި، މި ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަމިއްލަ ރައްކާތެރިކަމާއި، މަސައްކަތްކުރާ ސަރަޙައްދުގެ ކައިރީގައި ދިރިއުޅޭ އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވޭތޯ ބަލާފައިވެއެވެ. އަދި ރަށުގެ އާންމު ރައްޔިތުންނަށް މިކަމުގެ ސަބަބުން ކުރާ އަސަރު ދެނެގަތުމަށް އާންމުންގެ ފަރާތުން މަޢުލޫމާތު ސާފުކޮށްފައިވެއެވެ. މީގެ އިތުރުން މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށާއި، މައްސަލަ ހައްލުކުރުމަށް މިހާރުން މިހާރަށް ކުރެވިދާނެ ކަންތައްތައްތަކާއި އަދި ދާއިމީގޮތެއްގައި މިކަމަށް ހައްލެއް ގެނައުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މި ޒިޔާރަތުގައި ރ.މަޑުއްވަރީ ކައުންސިލާއި، ރ.މަޑުއްވަރީ ސިއްޙީ މަރުކަޒާއި، ރ.މަޑުއްވަރީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރ.މަޑުއްވަރީގައި ޙަރަކާތްތެރިވާ ކްލަބް ޖަމިއްޔާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

މި ޒިޔާރަތުގެ ކުރިން މި މައްސަލައާ ގުޅިގެން ގުޅުންހުރި މުއައްސަސާތަކާއެކު ތަފާތު އެކި ފަހަރު މުޢާމަލާތްކޮށް މައްސަލައަށް ހައްލެއްގެނައުމަށް މަސައްކަތްކޮށްފައިވެއެވެ. މިގޮތުން 2017 އަދި 2018 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޓަރ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި ރ.މަޑުއްވަރީ ކައުންސިލާ ކޮމިޝަނުން ބައްދަލުކޮށް މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.