ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ކޮމިޝަނުން ތަޙުޤީޤުކޮށްފައިވާ މަރުގެ މައްސަލަތަކާއި ވީގޮތެއް ނޭނގި ގެއްލިފައިވާ މީހުންގެ މަޢުލޫމާތުގެ ޚުލާސާ ޢާންމުކުރުން


05-02-2019ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު ނަންބަރު (6/2006) ގެ 21 ވަނަ މާއްދާ (ހ) އަދި (ށ) އަށް ރިޢާޔަތްކޮށް 2007 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިހުމާލުން ނުވަތަ އަނިޔާވެރިގޮތަކަށް މަރާފައިވާ ނުވަތަ ނިޔައުވެފައިވާ މީހުންގެ މައްސަލަތަކާއި، ވީގޮތެއް ނޭނގި ގެއްލިފައިވާ ތަފާތު މައްސަލަތަކެއް ކޮމިޝަނުން ތަހުޤީގުކޮށްފައިވެއެވެ.

އެގޮތުން މަރުވެފައިވާ މީހުންގެ މައްސަލަތަކާއި، ވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ބުނެ އެކި ފަރާތްތަކުން ހުށައަޅާފައިވާ 16 މައްސަލައާއި، ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ 37 މައްސަލައެއްގެ ތަޙްޤީޤު ކޮމިޝަނުން ކުރިޔަށްގެންގޮސްފައިވެއެވެ. މި މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ އިހުމާލުން ކުއްޖަކު ނިޔާވުމުގެ މައްސަލައަކާއި، ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ 5 ފަރާތެއްގެ މައްސަލައާއި، މިނިވަންކަން ގެއްލޭގޮތައް ދައުލަތުގެ ބެލުމުގެދަށުގައި ހުއްޓާ ނިޔައުވެފައިވާ 28 ފަރާތެއްގެ މައްސަލައާއި، ބޭސްފަރުވާ ފޯރުކޮށްދިނުމާއި، ވިހެއުމުގެތެރޭގައި ހޮސްޕިޓަލާއި ސިއްޙީ ޙިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ އިހުމާލުން ނިޔައުވެފައިވާކަމަށް ބުނެ ހުށައަޅާފައިވާ 17 ފަރާތެއްގެ މައްސަލައާއި، ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ 2 ފަރާތެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކަށީގެންވާ ގޮތެއްގައި ތަޙުޤީޤުކޮށްފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ 2 މައްސަލައެއް ހިމެނެއެވެ.

މި މައްސަލަތަކުގެ ތެރެއިން ޖުމްލަ 45 މައްސަލައިގެ ތަހުޤީގު ނިމިފައިވާއިރު، 1 މައްސަލައިގައި ޢަމަލުކުރެވިދާނެގޮތުގެ ލަފާ ކަމާބެހޭ ފަރާތްތަކަށް ދެވިފައިވެއެވެ. އެގޮތުން 8 މައްސަލައެއްގައި ތަހުޤީޤަށް ފާހަގަކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކަށް ހުށަހެޅުންތައް ހުށަހަޅައި، އެހުށައެޅުންތައް ތަންފީޒުވަމުންދާ މިންވަރު ގަވައިދުން ކޮމިޝަނުން ދަނީ ބަލަމުންނެވެ. އަދި 23 މައްލައެއްގައި އިހުމާލެއް ނުވާކަމަށް ތަޙުޤީޤަށް ފާހަގަކުރެވިފައިވުމާއެކު މި މައްސަލަތައް ނިންމާފައިވީއިރު، 7 މައްސަލައެއްގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި، މިފަދަ މައްސަލަތައް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާއިން ފިޔަވަޅުއެޅުމުން އެ މައްސަލަތައް ނިންމާފައިވެއެވެ. ކުޑަ ކުއްޖަކު ވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައިގައި އެ ކުއްޖާ ގެއްލިފައި ނުވާކަމަށް ތަޙުޤީޤަށް ފާހަގަކުރެވުމުން އެ މައްސަލަ ނިންމާފައިވެއެވެ. މީހަކަށް ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ މައްސަލައެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރިޔަށްގެންދިޔަ ތަޙުޤީޤުގަށް އެއްވެސް ކުރިއެރުމެއް ނުލިބި މައްސަލަ ފައިލްކޮށްފައިވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވުމާއެކު، އެ މައްސަލައިގެ ތަޙުޤީޤު ނިންމާފައިވެއެވެ. އަދި ވީގޮތެއް ނޭނގި ގެއްލިގެން ހުށައަޅާފައިވާ 2 މީހެއްގެ މައްސަލައިގައި ކަމާގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތްތަކެއްކޮށްފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވުމާއެކު، އެ މައްސަލަތަކުގައި ވަކި ފަރާތެއްގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިނެތުމުން އެ 2 މައްސަލަ ނިންމާފައިވެއެވެ. މީގެ އިތުރުން، 2 މައްސަލައެއްގައި އިހުމާލުވެފައިވާކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވުމާއެކު، އެފަރާތްތަކާމެދު ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވަނީ ނިންމާފައެވެ.

2007 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް މީހަކަށް ވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި އިހުމާލުގެ ސަބަބުން ނިޔައުވެފައިވާ 8 މީހުންގެ މަރުގެ މައްސަލައިގެ ތަހުޤީޤު ކޮމިޝަނުން ދަނީ ކުރަމުންނެވެ.