ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްއާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބައްދަލުކޮށްފި


15-01-2019ތާރީޙް: 

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން 10 ޖަނަވަރީ 2019 ވީ ދުވަހު ބައްދަލުކޮށްފިއެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބޭއްވުނު މި ބައްދަލުވުމުގެ މަޤްސަދަކީ، ކޮމިޝަނުގެ މަސައްކަތްތަކުގެ ތެރެއިން ފުލުހުންނާ ގުޅުންހުރި ކަންކަމުގައި މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތައް މަޝްވަރާކުރުމެވެ. މި ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލެނިވެރިކަމުގެދަށުގައިވާ މަރުކަޒުތަކަށް ކޮމިޝަނުގެ އެން.ޕީ.އެމްގެ ފަރާތުން ކޮށްފައިވާ ޒިޔާރަތްތަކާ ގުޅިގެން ހުށަހަށާފައިވާ ހުށަހެޅުންތައް ތަންފީޛުކުރެވިފައިވާ މިންވަރު ދެނެގަތުމަށާއި، މި ޒިޔާރަތްތަކުގައި ފާހަގަކުރެވިފައިވާ މުހިންމު ކަންކަމުގެ މައްޗައް ބަލާ ރަނގަޅުކުރަންވީ ކަންތަކަށް ހުށައަޅާފައިވާ ހުށައެޅުންތައް ތަންފީޛުވެފައިވާ މިންވަރާ އެކަންކަން ބެލޭނެގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މީހެއްގެ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ ފަދަ މައްސަލަތަކުގައި އެފަދަ ކަންކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ފުލުހުންގެ މުއައްސަސާގައި އިންސާނީ ޙައްޤުތަކުގެ ޑެސްކެއް ޤާއިމްކުރުމަށް މަޝްވަރާކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަރުގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ކޮމިޝަނުން އާންމުކޮށްފައިވާ ޕޯސްޓް-މޯޓަމް ގައިޑްލައިންސްއަށްވެސް މި ބައްދަލުވުމުގައި ރިޢާޔަތްކުރެވުނެވެ.

މީގެ އިތުރުން، ފުލުހުންނަށް ނަގާދެވޭ ތަމްރީން ޕްރޮގްރާމުގައި އިންސާނީ ޙައްޤުތަކާބެހޭ ކޮމްޕޯނެންޓް ހިމަނާ، ފުލުހުންގެ މެދުގައި އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރުކޮށް އިންސާނީ ޙައްޤުތަކަށް އިޚްތިރާމްކުރާ ސަޤާފަތެއް ޤާއިމްކުރުމާއި މަތީ ތަޢުލީމު ދޭ ފަރާތްތަކުގެ ކޯސްތަކުގައި އިންސާނީ ޙައްޤުތައް ހިމެނުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޕޮލިސް އެކަޑަމީ އަދި އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްއިން ހިންގާ ތަމްރީންތަކާއި ކޯސްތަކުގައި އިންސާނީ ޙައްޤުތައް ހިމެނުމަށް ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކުރެވުނެވެ.