ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ޕޯސްޓް-މޯޓަމް ހެދުމުގައި ޢަމަލުކުރާނެގޮތުގެ މިންގަނޑުތަކަކާއި މޮޑެލް ޕޯސްޓް-މޯޓަމް ރިޕޯޓް ފޯމު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އެކުލަވާލައި، އާންމުކޮށްފި


07-01-2019ތާރީޙް: 

ޕޯސްޓް-މޯޓަމް ހެދުމުގައި ޢަމަލުކުރާނެގޮތުގެ މިންގަނޑުތަކަކާއި މޮޑެލް ޕޯސްޓް-މޯޓަމް ރިޕޯޓް ފޯމެއް އެކުލަވާލައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އާންމުކޮށްފިއެވެ. މި މިންގަނޑުތައް އެކުލަވާލުމުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ލިބިދީފައިވާ ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ހިމާޔަތްކުރުމަށްޓަކައި، ޝުބްޙައެއް ނުވަތަ ޝައްކު އުފެދޭ ޙާލަތްތަކުގައި މަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ޙަޤީޤަތް ހޯދުމަށާއި، އިންސާފު ހޯދުމަށް މަގުފަހިކޮށްދިނުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުއާހަދާތަކުން ރައްކާތެރިކޮށްފައިވާ ދިރިހުރުމުގެ ޙައްޤާއި، އެކަށީގެންވާ ބަދަލެއް ހޯދުމުގެ ޙައްޤު ރައްކާތެރިކުރުމާއި، މިޙައްޤުތައް ރައްކާތެރިކުރުމަށް ދައުލަތުން އެއްބަސްވެފައިވާ ޒިންމާތައް އަދާކުރުމަށް ބާރުއެޅުން ހިމެނެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ނުވަތަ އެނޫންވެސް ޙާލަތެއްގައި ޝުބްޙައެއް އުފެދޭފަދަ ގޮތަކަށްމަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ހަޤީޤަތް ދެނެގަތުމަށްޓަކައި ޕޯސްޓް-މޯޓަމް ނުވަތަ އޯޓޮޕްސީ ޓެސްޓް ހެދުމުގައި ޢަމަލުކުރާނެ ގޮތުގެ މިންގަނޑުތަކެއް ނުވަތަ ގައިޑްލައިންއެއް އެކުލަވާލުމާއި، ޕޯސްޓް-މޯޓަމް ނުވަތަ އޯޓޮޕްސީ ޓެސްޓްތައް ހެދުމުގައި ނިޔާވެފައިވާ ފަރާތުގެ ޢާއިލާއަށާއި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކަށް މަޢުލޫމާތުދިނުމުގައި ޢަމަލުކުރާނެގޮތުގެ ގައިޑްލައިންއެއް އެކުލަވާލުން އަދި ޝުބްޙައެއް އުފެދޭ މަރުތަކާއި ޤަތުލުތަކުގައި ނިޔާވާ މީހުންނާއި ކުޑަކުދިންގެ މައްސަލަތަކުގައި އަދުލު އިންސާފު ހޯދުމަށް ޤާނޫނީގޮތުން ހެކީގެ ގޮތުގައި ހުށަހެޅުމަށް ބޭނުންވާ މެޑިކަލް ޓެސްޓްތައް ހެދުމަށް ދިމާވާ ދަތިތައް ޙައްލުކުރުމަކީވެސް މި ގައިޑްލައިން އެކުލަވާލުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި ގައިޑްލައިންގެ މަޤްޞަދުތައް ހާޞިލުކުރުމަށް ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެ ފަރާތްތަކުގެ މަސައްކަތްތަކުގައި މި ގައިޑްލައިންއަށް ރިޢާޔަތްކުރެއްވުމަށާއި އަދި މި ގައިޑްލައިންގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެކުލަވާލުމަށް ބާރުއަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތައް ވީ އެންމެ އަވަހަކަށް އެކުލަވާލުމަށްވެސް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ. އަދި މި ގައިޑްލައިން އެކަށީގެންވާގޮތެއްގައި ތަންފީޛުކުރެވި، ދިރިހުރުމުގެ ޙައްޤާއި އަދުލްއިންސާފު ލިބުމުގެ ޙައްޤު ރައްކާތެރިކުރުމަށްޓަކައި، އާންމު ފަރުދުންނާއި އަމިއްލަ ޖަމިއްޔާތަކުން މި ގައިޑްލައިންއަށް ފަރިތަވުމަށް މި ކޮމިޝަނުން ބާރުއަޅަމެވެ.

މި ގައިޑްލައިން އަދި މޮޑެލް ޕޯސްޓް-މޯޓަމް ރިޕޯޓް ފޯމު ތިރީގައިވާ ކޮމިޝަނުގެ ވެބްސައިޓުގެ ލިންކް އިން ލިބޭނެއެވެ. http://www.hrcm.org.mv/dhivehi/legal/LegalBrief.aspx#Guidelines