ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާ ބައްދަލުކޮށްފި


27-12-2018ތާރީޙް: 

24 ޑިސެމްބަރ 2018 ވަނަ ދުވަހު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް އަލްފާޟިލާ އާމިނަތު އީނާސް ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ އަޙްމަދު ޢަބްދުﷲ ދީދީ އާ ބައްދަލުކުރައްވައިފިއެވެ.

ސުޕްރީމްކޯޓުގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގެ މަޤްސަދަކީ، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޝަރުއީ ދާއިރާތަކާއި ގުޅުންގުރި މައްސަލަތަށް ހިއްސާކޮށް އެކަންކަމާމެދު މަޝްވަރާކޮށް އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން:

ކޯޓުތަކުން ބަލަމުންދާ މައްސަލަތައް ލަސްވާތީ، ރާއްޖޭގެ ޖަލުތަކުގައި ތިބި ގިނަ އަދަދެއްގެ ރައްޔިތުންގެ ޝަކުވާ ކޮމިޝަނަށް ހުށަހެޅެމުންދާތީ، މިފަދަ މައްސަލަތަކުގެ ޝަރުޢީ މަރުހަލާ އަވަސްކޮށްދެއްވުމަށާއި،

ތަޙްޤީޤު މަރުހަލާ ނިމި، ޝަރީއަތް ނުނިމި ލަސްވާ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ޝެޑިއުލް ނުކޮށް ގިނަދުވަސްވާތީ، އެކަމާގުޅިގެން ކޮމިޝަނަށް މައްސަލަތައް ހުށަހެޅެމުންދާތީ، އެކަމަށް ހައްލެއް ލިބިގެންދާނޭ ގޮތެއް ހައްދަވައި ދެއްވުމަށާއި،

ބަންދުގައި ތިބޭ ބިދޭސީންގެ މައްސަލަތަކުގައި ޝަރީޢަތް ކުރިއަށްދާއިރު، ތަރުޖަމާނަކު ނެތި ކުރިއަށްގެންދާކަމަށް ބުނެ ކޮމިޝަނަށް ހުށަހެލޭ މައްސަލަތަކުގައި ހައްލެއް ލިބޭނޭގޮތަކާއި،

އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކޮށް އެޙައްޤުތައް ނެގެހެއްޓުމަށް މުޖުތަމަޢުއާއި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޝަރުޢީ ނިޒާމުގެތެރޭގައި މިފަދަ ސަގާފަތެއް ޤާއިމް ކުރުމަށާއި

މީގެއިތުރުން، 16 ސެޕްޓެންބަރު 2014 ވަނަ ދުވަހު ކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓުން ބަލާފައިވާ ސުމޯޓޯގެ މައްސަލައިގެ ހުކުމުގައި ނިންމާފައިވާ ކަންކަމާ ގުޅޭގޮތުން 22 މާރިޗު 2016 ވަނަ އަހަރު ސުޕްރީމްކޯޓުގެ އުއްތަމަ ފަނޑިޔާރުއާއި ބައްދަލުކޮށް އެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ގައިޑްލައިންގައިވާ ކަންކަންއެގޮތަށް އޮތްނަމަވެސް ހިއުމަންރައިޓްސް ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް އެއްވެސް އަސަރެއްނުކުރާނެކަމާއި މިނިވަން މުސްތަޤިއްލު މުއައްސަސާއެއްގެ ޒިންމާއާއި އާއި މަސްއޫލިއްޔަތު

އަދާކުރެވޭނަކަމަށް އެބައްދަލުވުމުގައި ވިދާޅުވެފައި ވީނަމަވެސް، އެކަން އެގޮތަށް ކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން އެގައިޑްލައިންގައިވާ ކަންކަން އިތުރަށް މާނަކޮށްދެއްވުމުން ކަމުގައިވާތީ، އެކަމާގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.