ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ބައިނަލްއަޤްވާމީ "މައިގްރަންޓްސް ޑޭ" 2018


18-12-2018ތާރީޙް: 

ބައިނަލްއަޤްވާމީ ފެންވަރުގައި "އިންޓަނޭޝަނަލް މައިގްރެންޓްސް ޑޭ" ގެ ނަމުގައި ޚާއްސަ ދުވަހެއް ފާހަގަކުރުމުގެ މަގުސަދަކީ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރަމުންދާ ގައުމުތަކުގެ ތަރައްގީގައި އަދާކުރާ ހިއްސާގެ އަގުވަޒަންކުރުމާއި، އެފަރާތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ، އެގޮންޖެހުންތައް ޙައްލުކުރުމުގެ ގޮތުން ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކަށް މުޖްތަމަޢު ހޭލުންތެރިކުރުމާއި، އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބާރުއެޅުމެވެ. ބަވަނަވެފައިވާ ދުނިޔޭގައި މުއާޞަލާތާއި ދަތުރުފަތުރުކުރުމުގެ ތަރައްގީއާއިއެކު އެއްގައުމުން އަނެއް ގައުމަށް ހިޖުރަކުރާ މަސައްކަތްތެރިންގެ އަދަދު ދުވަހެއްދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން އދ އިން އަންދާޒާކުރާ ގޮތުގައި 2018 ވަނަ އަހަރާހަމަޔަށް 258 މިލިއަން މީހުން މައިގްރެންޓްސްގެ ގޮތުގައި ނިސްބަތްވާ ޤައުމު ނޫން އެހެން ޤައުމުތަކުގައި ދިރިއުޅެއެވެ.

ދިވެހިރާއްޖެއަށް ބިދޭސީން މައިގަނޑުގޮތެއްގައި ހިޖްރަކުރަނީ މަސައްކަތްތެރީންގެ ގޮތުގައެވެ. އެގޮތުން 2014 ވަނަ އަހަރުގެ ބޯހިމެނުން ދައްކާގޮތުން، ދިވެހިރާއްޖޭގައި 60030 ބިދޭސީ މަސައްކަތްތެރިން ދިރިއުޅެއެވެ. މިއީ މަސައްކަތް ކުރާ އަބާދީގެ 28 އިންސައްތައެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުން ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް އެކުލަވާލެވިފައިވެއެވެ. މިގޮތުން ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައި ހުރިހާ މަސައްކަތްތެރީންނަށް ލިބިދޭންޖެހޭ ޙައްޤުތައް ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ، ގާނުނު ނަންބަރު:2/2008 (ވަޒީފާއާއި ބެހޭ ގާނޫނު) އާއި، ގާނޫނު ނަންބަރު:1/2007 (އިމިގްރޭޝަން ގާނޫނު) އާއި، ގާނޫނު ނަންބަރު:12/2013 (އެންޓި ހިއުމަން ޓްރެފިކިން ގާނޫނު) ގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނާ ބެހޭ ގަވާއިދުގައި އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދީފައިވެއެވެ.

ޤާނޫނުއަސާސީއާ ގާނޫނުތަކުން ބިދޭސީމަސައްކަތެރީންގެ ޙައްޤުތައް ކަށަވަރުކޮށްދީފައިވީނަމަވެސް ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ތަފާތު މައްސަލަތައް ހުރިކަން ފާހަގަކުރެވެއެވެ. މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ބިދޭސީ މަސައްކަތްތެރީންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ދިރިއުޅުމަށް އެކަށީގެންނުވާ ތަންތާގައި ބިދޭސީ މަސައްކަތްތެރީން ގެންގުޅުމާއި، އެކަށީގެން ނުވާ މާޙައުލެއްގައި މަސައްކަތްކުރަން ޖެހުމާއި، މަސައްކަތުގެ މާޙައުލުގައި ތަފާތުކުރުމާއި، ފުރައްސާރަކުރުމާއި، ވަޒީފާގެ މާޙައުލުގައި ބޭނުންވާ ސަލާމަތީ އާލާތްތައް ފޯރުކޮށްދީފައި ނުވުމުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން މަސައްކަތްކުރުވާ ފަރާތްތަކުން އެފަރާތްތަކުގެ ޕާސްޕޯޓު އަތުލުމާއި، ވިސާ ފީ ނުދެއްކުމާއި މަސައްކަތުގެ އުޖޫރަނުދިނުމުގެ މައްސަލަތައް ހިމެނެއެވެ. މި ކޮމިޝަނުން ކޮށްފައިވާ މޮނިޓަރިން ޒިޔާރާތްތަކުން ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި އިމިގްރޭޝަން ގާނޫނާ ޚިލާފުވެގެން ބަންދުކުރާ ބިދޭސީން ރާއްޖެއިން އެމީހުންގެ ޤައުމަށް ފުރުވާލެވެންދެން ބަންދުކޮށްފައި ތިބޭ ތަނުގެ ހާލަތު ދަށްކަމާއި، ބަންދުކޮށްފައި ތިބޭއިރު އެމީހުންގެ ގައުމުގައި ދިރިއުޅޭ ޢާއިލާގެ ފަރާތްތަކަށް ފޯނުން ގުޅުމުގެ ފުރުސަތު ނޯންނަކަމާއި، ޝަރީޢަތުގެ މަރުޙަލާ ނުނިމި ލަސްވަމުންދާ މައްސަލަ ހިމެނެއެވެ.

އެހެންކަމުން ޤާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ގާނުނުތަކާއި ގަވާއިދުތައް ފުރިހަމައަށް ތަންފީޒުކުރަންޖެހެއެވެ. ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތާއި އިންސާނުންނަށްވީތީ ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް ލިބިދިނުން ކަށަވަރުކުރުމަށް ނިޒާމުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި މަސައްކަތްކުރުވާ ފަރާތްތައް ޒިންމާދާރުކުރުމުގެ މުހިންމުކަންވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ. ހަމައެހެންމެ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާ މެދު އިހުމާލުވާ ފަރާތްތަކަށް ގާނުނޫގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުއެޅުން ހަލުވިކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކުރަމެވެ. ހަމައެއާއެކު، މުޖްތަމަޢުން ބިދޭސީ މަސައްކަތްތެރިންނާމެދު ދެކޭ ނޭދެވޭގޮތް ބަދަލުކުރުމާއި، ތަފާތުނުކުރުމާއި، އެމީހުންނަށް އިހްތިރާމްކުރުމަކީ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރެވިފައިވާ މުޖްތަމަޢުއެއް ބިނާކުރުމަށް މުހިންމުކަމެއްކަން ފާހަގަކުރަމެވެ. މީގެއިތުރުން، ޖަމުޢިއްޔާ ޖަމާޢަތްތަކުންނާއި، މީޑިއާއިން ބިދޭސީމަސައްކަތްތެރިންގެ ޙައްޤުތަކަށް ހޭލުންތެރިކުރުމަށް ކުރަމުންގެންދާ މަސައްކަތް އިތުރުކުރުމަކީވެސް މުހިންމުކަމެއްކަމުގައި ފާހަގަކުރަމެވެ.