ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އާމިނަތު އީނާސް ދެއްވާ ޚިތާބު


10-12-2018ތާރީޙް: 

ެންމެހައި މަޚްލޫޤުންގެ ތެރެއިން އިންސާނުންގެ ދަރަޖަ މަތިވެރި ކުރެއްވި، އަދި އިންސާނީ ޙައްޤުތަކަށް ރައްކާތެރިވުމަށް މުޅި އިންސާނީ އުންމަތަށް އެންގެވި، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަމެވެ. އަދި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރައްވައި އެ ޙައްޤުތަކަށް ރައްކާތެރިވުމުގެ އެންމެ ރިވެތި މިސާލު ދެއްކެވި، މުޅި ދެދޭހަށް ކައުކުރެއްވި ރަސޫލު މުޙައްމަދު ޞައްލަﷲ ޢަލައިވި ވަސައްލަމްއަށް ޞާލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަމެވެ. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ ޢާލު އަސްޙާބުން ޝާމިލް ކުރަމެވެ.

މިއަދަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަހެވެ. މި އުފާވެރި ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަމެވެ.

ކޮންމެ އަހަރެއްގެ މިދުވަސް ފާހަގަކުރާއިރު، މިއަހަރަކީ ތާރީޚީގޮތުންވެސް ވަރަށް ޚާއްޞަ އަހަރެކެވެ. މިއަހަރަކީ 10 ޑިސެންބަރު 1948ގައި އ.ދ. ގެ ޖެނަރަލް އެސެންބްލީއިން ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ އާންމު ޤަރާރު 'Universal Human Rights Declaration' ފާސްކުރިތާ، 70 އަހަރު ފުރޭ އަހަރެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 10 އަހަރުފުރި، ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ޤާއިމްކޮށްފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ވުޖޫދަށް އައިތާ 15 އަހަރުވެ، (ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއަށް 10 އަހަރުވި) ދުވަހެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި އަނެކާގެ ޙައްޤުގެ ދިފާޢުގައި މަސައްކަތް ކުރުމަށް އިސްނަގާ ހިތްވަރުދިނުމުގެ މަޤްޞަދުގައި، ކަނޑައަޅާފައިވާ މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިޢާރަކީ
Stand up for Human Rights” “‘Be the leader you are looking for’މިއެވެ.

ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މި ކޮމިޝަން ވުޖޫދަށް އައުމާއެކު އިންސާނީ ޙައްޤަކަށް އުނިކަމެއް ލިބި ނުވަތަ ލިބިދާނެކަމަށް ހުށައަޅާ މައްސަލަތަކާ ކޮމިޝަނުގެ އިސްނެގުމުން ކުރިޔަށްގެންދާ މައްސަލަތައްވެސް ތަހުޤީގު ކުރަން ފެށުނެވެ. މިއަހަރުގެ މިހާތަނަށް 7498 މައްސަލައެއް ހުށައެޅި 7341 މައްސަލަ ތަހުޤީގުކޮށް ނިމިފައިވާއިރު، މައްސަލަތަކުން މުޖުތަމައުގެ ޙާލަތާބެހޭގޮތުން ފާހަގަކުރެވޭ ކަންކަމަށް ދިރާސާތަކެއްވެސް ކުރެވިފައިވެއެވެ. މިގޮތުން ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދެނެގަތުމަށް ކޮމިޝަނުން ކުރިޔަށްގެންގޮސްފައިވާ "ރައިޓްސް ސައިޑް އޮފް ލައިފް' ދިރާސާއާއި، ރާއްޖޭގައި ގޯތިގެދޮރުގެ ދަތިކަން ހުރި މިންވަރާ ބެހޭގޮތުން ހެދުނު ރެޕިޑް އެސެސްމަންޓާއި، މުޖުތަމަޢުގައި ކުށްކުރުން އިތުރުވަމުންދާ ސަބަބުތައް ދެނެގަތުމަށްކުރި ދިރާސާއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލަތު ދެނެގަތުމަށް ކުރިޔަށް ގެންދެވުނު އެސެސްމަންޓާއި، އުފަންވެނިވި ސިއްހަތުގެ ދިރާސާ އަދި ކުޑަކުދިންގެ ޙައްޤުތަކާބެހޭގޮތުން ހޭލުންތެރިކަން ހުރި މިންވަރު ދެނެގަތުމަށް ކުރެވުނު ދިރާސާ ފާހަކުރެވެއެވެ.

މިފަދަ ދިރާސާތަކުގެ އަލީގައި އިންސާނީ ޙައްޤުތަކާއި ޒިންމާތަކަށް ރައްޔިތުން ހޭލުންތެރިކުރުވައި، ޙައްޤުތައް ކުރިއަރުވައި އެޙައްޤުތަކުގެ ދިފާއުގައި މަސައްކަތްކުރުމަށް ޢާންމުން ބާރުވެރިކުރުވުމުގެ މަސައްކަތްކޮށްފައިވެއެވެ. މިގޮތުން އަންހެނުން ބާރުވެރިކުރުމަށް ހިންގުނު 'ވާނެ' ކެންޕޭން، ގެވެށި އަނިޔާއާ ދެކޮޅަށް ހިންގުނު 'ދޯދި' ކެންޕޭން، ސްކޫލުތަކުގައި ހިއުމަން ރައިޓްސް ކުލަބްތައް އުފައްދާ ކުރިޔަށްގެންދިޔަ ކްލަބް ޚަރަކާތްތަކާ ދަރިވަރުންގެ މެދުގައި ބޭއްވުނު ކުރެހުމާ ބަހުސް އަދި ކުއިޒް މުބާރާތްތައް، ރަށްރަށުގައި ޙައްޤުތަކުގެ ހާލަތާބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދާ މަޝްވަރާ ކުރެވުނު ފޯރަމްތަކާ މަސައްކަތު ބައްދަލުވުންތައް، އެން.ޖީ.އޯ ނެޓްވަރކްއެއް ޤާއިމްކޮށް އެފަރާތްތަކަށް ހިންގުނު ތަމްރީންތކާއި އިންތިޚާބުތަކާ ދިމާކޮށް ކުރިޔަށްގެންދިޔަ ވޯޓަރ އެޑިއުކޭޝަން ކެންޕޭންތައް ފާހަގަކުރެވެއެވެ. މިއާއެކު ވިޔަފާރި އާއި އިންސާނީ ޙައްޤުތަކުގެ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށްގެންދެވުނު ޚަރަކާތްތަކުގެ ތެރޭގައި، 10 ކުންފުންނަކާއެކު ފަހުމުނާމާއެއްގައި ސޮއިކުރުމާއި އެ ކުންފުނިތަކަށް މަޢުލޫމާތު ސެޝަންތައް ކުރިޔަށްގެންދިއުންހިމެނެއެވެ.

ކޮމިޝަނުން ކޮށްފައިވާ ދިރާސާތަކާއި ހުށަހެޅުނު މައްސަލަތަކަށް ރިޢާޔަތްކޮށް ޢަމަލުކުރަމުންދާ އަދި އަލަށް އެކުލަވާލެވޭ ޤާނޫނުތަކާއި، ގަވައިދުތަކާއި، އިދާރީ އުސޫލުތަކާއި ސިޔާސަތުތައް އިންސާނީ ޙައްޤުތަކުގެ ނަޒަރުން މުރާޖަޢާކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާގުޅުންހުރި ބައިނަލްއަޤްވާމީ މުއާޙަދާތަކުގެ ދަށުން ދިވެހި ދަޢުލަތައް ލާޒިމްވާ ކަންތައްތައް ތަންފީޒުކުރަމުންދާ މިންވަރު ދެނެގަތުމާއި މުޢާހަދާތައް މުރާޖަޢާކުރާ ކޮމިޓީތަކަށް ކޮމިޝަނުން ރިޕޯޓްތައް ފޮނުވުމާއި އދ. ގެ އިންސާނީ ޙައްޤުތަކުގެ ނިޒާމުގެ ދަށުން އުފެދިފައިވާ ވަރކިންގ ގްރޫޕްތަކާއި ސްޕެޝަލް ރެޕަޓުއަރސްއަށް މަޢުލޫމާތު ފޮނުވައި، ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރް) ގެ ދަށުން ހިއުމަން ރައިޓްސް ކައުންސިލަށް 2 ފަހަރެއްގެ މަތިން ކޮމިޝަނުން ރިޕޯޓް ފޮނުވާފައިވެއެވެ.

މީގެ އިތުރުން، އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ ގައި ދިވެހި ދައުލަތުން ބައިވެރިވުމާ ގުޅިގެން ދިވެހިރާއްޖޭގައި އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލުތައް ހުއްޓުވުމުގެ މަޤްޞަދުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ގެ ގޮތުގައި 2007 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ކަނޑައެޅިގެން ދިޔައެވެ. މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި މީހުންނާއި ކުޑަކުދިން ބަންދުކޮށްފައި ނުވަތަ ބައިތިއްބާފައިތިބޭ ތަންތަނަށް ޒިޔާރަތްކޮށް، އެފަދަ ތަންތާނގައި އެއްވެސް އަނިޔާވެރި، ލާއިންސާނީ، ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯ ބެލުމަށް އެން.ޕީ.އެމް. އިން މިހާތަނަށް 54 ތަނަކަށް ޖުމްލަ 153 ޒިޔާރާތްކޮށްފައިވެއެވެ.

ކޮމިޝަނުން ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި މުވައްޒަފުންނަކީ ހުނަރުވެރި، މަސައްކަތަށް ޤާބިލު ބަޔަކަށް ހެދުމަށް އެކި ދާއިރާތަކުން ތަމްރީން ޕްރޮގްރާމްތަކާއި މަޢުލޫމާތު ސެޝަންތައް ކޮންމެ އަހަރެއްގައިވެސް ރާވައިގެން ހިންގާފައިވެއެވެ. އަދި ބޭރުގެ ފަރާތްތަކުން ހިންގާ ތަމްރީން ޕްރޮގްރާމްތަކާއި މަސައްކަތު ބައްދަލުވުންތަކުގައި މުވައްޒަފުންނާއި މެންބަރުން ބައިވެރިވެފައިވެއެވެ.

މި ކޮމިޝަނުގެ އަމާޒަކީ ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދުމަތްދީ، ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށް ކޮމިޝަނުގެ ލަނޑުދަނޑިތައް ހާސިލްކުރުމެވެ. ކުރިޔަށް އޮތް އަހަރު ކޮމިޝަނުން ކުރުމަށްރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި 'ރައިޓްސް ސައިޑް އޮފް ލައިފް'ގެ ތިންވަނަ ދިރާސާގެ މަސައްކަތާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ބެހޭގޮތުން ކުރިޔަށްގެންދާ ކެންޕޭން ހިންގުމާއި، އެން.ޖީ.އޯ ނެޓްވަރކްގެ މަސައްކަތްތައް ކުރިޔަށްގެންދިއުމާއި، ޤައުމީ މަންހަޖުގައި އިންސާނީ ޙައްޤުތައް ހިމެނުމުގެ މަސައްކަތް ކުރުން ހިމެނެއެވެ. މީގެއިތުރުން 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އަމާޒުކޮށް ވޯޓަރ އެޑިއުކޭޝަން ކެންޕޭން ހިންގުމާއި، މި އިންތިޚާބު ކުރިޔަށްދާ ގޮތް އޮބްޒާވް ކުރުމާއި، އުމުރުންދުވަސްވީ މީހުންގެ ޙައްޤުތަކަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްކުރުމާއި، ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ކެމްޕެއިން ހިންގުމާއި، އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަމަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްކުރުމާއި، ސްކޫލްތަކުގެ ހިއުމަން ރައިޓްސް ކްލަބް ހަރަކާތްތަކާއި ކުއިޒް މުބާރާތް ބޭއްވުން ހިމެނެއެވެ.

ޙައްޤުތައް ކަށަވަރުކޮށްދެވޭ އަމާން ވެއްޓެށް ޤާއިމް ކުރުމަށް އަޅުގަނޑުމެން އެންމެން މަސައްކަތްކޮށް އަނެކާގެ ޙައްޤުގެ ދިފާއުގައި ތެދުވަމާ ތޯއެވެ. އިންސާނީ ޙައްޤުތައް ދަމަހައްޓާ ކުރިއެރުވުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތް ﷲ ރަޚްމަތްލައްވާ، ކާމިޔާބު މިންވަރުކޮށްދެއްވާށި. އާމީން