ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޝެޑޯ ރިޕޯޓާބެހޭގޮތުން ކެޓް ކޮމިޓީއާ ބައްދަލުކޮށްފި


27-11-2018ތާރީޙް: 

އަނިޔާކުރުމާއި، އެހެނިހެން އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލު ހިންގުމާއި އަދަބު ދިނުމާއި ދެކޮޅު މުޢާހަދާ (ކެޓް ކޮންވެންޝަން)ގެ ދަށުން ކޮމިޓީ އެގެއިންސްޓް ޓޯޗަރ (ކެޓް ކޮމިޓީ)އާ އޮންލައިން ސެޝަނެއް މެދުވެރިކޮށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރ.ސީ.އެމް)އިން 26 ނޮވެންބަރު 2018ގައި ބައްދަލުކޮށްފިއެވެ.

މި ސެޝަނުގައި އެޗް.އާރ.ސީ.އެމްއިން ހުށައަޅާފައިވާ ޝެޑޯ ރިޕޯޓާ ގުޅޭގޮތުން މަޢުލޫމާތު ހިމެނޭ ސްޓޭޓްމަންޓެއް ޙިއްސާކުރުމުގެ އިތުރުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ކޮމިޝަނުގެ ރައީސްއާއި މެންބަރުން ޖަވާބު ދެއްވާފައިވެއެވެ. މި ކޮމިޓީއަށް ޝެޑޯ ރިޕޯޓު އެޗް.އާރ.ސީ.އެމްއިން ހުށައަޅާފައިވަނީ 18 ސެޕްޓެންބަރު 2018ގައެވެ.

ފާއިތުވި ދިހަ އަހަރުދުވަހުގެ މަޢުލޫމާތު ހިމެނޭ މި ރިޕޯޓުގައި ދިވެހިރާއްޖޭގައި ކެޓް ކޮންވެންޝަން ތަންފީޒުކުރެވިފައިވާ މިންވަރުގެ މަޢުލޫމާތާއި، ކެޓް ކޮމިޓީއިން ދިވެހި ދައުލަތަށް ހުށަހެޅުމަށް ކޮމިޝަނަށް ފެންނަ ހުށަހެޅުންތައް ހިމަނާފައިވާނެއެވެ. މީގެ އިތުރުން، ޓޯޗަރ ހުއްޓުވުމަށް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކުގައި ކޮމިޝަނަށް ދިމާވާ ގޮންޖެހުންތައްވެސް ފާހަގަކޮށްފައިވެއެވެ. މި ކޮމިޓީއަށް އެޗް.އާރ.ސީ.އެމްގެ އިތުރުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ތިން އެން.ޖީ.އޯއަކުންވެސް މަޢަލޫމާތު ހުށައަޅާފައިވެއެވެ.

ކެޓް ކޮމިޓީގައި ދިވެހި ދައުލަތުން ކެޓް ކޮންވެންޝަން ތަންފީޒުކުރަމުންދާ މިންވަރު ރިވިއުކުރުމަށް ހަމަޖެހިފައިވަނީ 27 ނޮވެންބަރު 2018 ވާ އަންގާރަ ދުވަހު ރާއްޖެގަޑިން 14:00ގައި ބާއްވާ ކޮމިޓީގެ 65 ވަނަ ސެޝަނުގައެވެ.