ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަސް 2018


25-11-2018ތާރީޙް: 

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި މި އަހަރުގެ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހުން ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަށް ފާހަގަކުރަމުންމިދާ ޙަރަކާތުގެ ބޭނުމަކީ އަންހެނުންނާމެދު ކުރާ ތަފާތުކުރުންތައް ނައްތާލުމާއި، އަނިޔާ ލިބެމުންދާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅައި، އަންހެނުންނަށް ކުރާ އަނިޔާއާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ. މި އަހަރުގެ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ދުވަހުގެ ޝިއާރަކީ؛

“Orange the World: #HearMeToo”

މި ޝިޢާރުގެ މައިގަނޑު އަމާޒަކީ އަނިޔާ ލިބިފައިވާ އަންހެނުންނަށް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ވާހަކަތައް ދެއްކުމުގެ ފުރުޞަތު ލިބިދިނުމެވެ. އެގޮތުން އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމުޢިއްޔާތަކާއި، ދަޢުލަތުގެ ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކާ އަދި އާންމުންނާއި ދެމެދު މިކަމާއި ގުޅޭ މަޝްވަރާގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. އަންހެނުންނަށްކުރާ އަނިޔާއާއި ފުރައްސާރަ ހުއްޓުވުމާއި، މިންތީގެ ހަމަހަމަކަމާއި ގުޅޭގޮތުން މުއައްސަސާތަކުގަޔާއި މަސައްކަތު މާހައުލުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާއި، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ޤާނޫނުން މަތިކޮށްފައިވާ އިދާރާތަކަށް އެކަންކަން ކުރެވޭނެ ވަޞީލަތްތައް ފޯރުކޮށްދިނުމަކީ ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެކެވެ. އަދި ޤާނޫނުން އަންހެނުންނާއި އަންހެން ކުދިންނަށް ލިބިދީފައިވާ ރައްކާތެރިކަން ކަށަވަރުކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ ފަސްވަނަ އަމާޒު ހާސިލް ކުރެވޭނީވެސް އެކަށީގެންވާ ވަޞީލަތްތައް ތަނަވަސްކޮށްދެވިގެންނެވެ.

ކޮމިޝަނަށް ހުށަހެޅޭ އަންހެނުންނަށް ކުރާ އަނިޔާއާއި ގުޅުންހުރި މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު، ޖިސްމާނީ، ނަފްސާނީ އަދި ގެވެށި އަނިޔާގެ މައްސަލަތައް ހިމެނެވެ. މީގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ކުރާ ގެވެށި އަނިޔާގެ މައްސަލަތަކާއި ރައްކާތެރިކުރުމުގެ އަމުރާ ޚިލާފްވެގެން ހުށަހަޅާފައިހުރި މައްސަލަތައް ހިމެނެއެވެ.

އެހެންކަމުން، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވައި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނާއި ޖެންޑަރ އިކުއަލިޓީގެ ޤާނޫނު ފުރިހަމައަށް ތަންފީޒުކުރަން ޖެހެއެވެ. އަދި ގެވެށި އަނިޔާ ތަހަމަލް ކުރަމުންދާ އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޤާއިމުކުރަންޖެހޭ މަރުކަޒުތައް ޤާއިމުކުރަން ޖެހެއެވެ. ހަމައެހެންމެ، އަންހެނުންނާ މެދު ކުރެވޭ އެންމެހާ ނޭދެވޭ ތަފާތުކުރުންތަކާއި، ކުރިއަށްދިއުމަށް އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.

އަދި މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ނައްތާލުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ. އެގޮތުން، ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުމާއި ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި، ތަޙްޤީޤުކޮށް ފިޔަވަޅުއެޅުމަށް، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ކޮމިޓީ" ކޮންމެ މުއައްސަސާއެއްގައި އުފައްދާ އެ ކޮމިޓީގެ މަސައްކަތްތައް ހަރުދާނާ ގޮތެއްގައި ކުރިއަށް ގެންދަންޖެހެއެވެ.

އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގައި މީޑިއާއިން ކުރައްވާ މަސައްކަތް މިފުރުޞަތުގައި ފާހަގަކޮށް، އެފަދަ މައްސަލަތައް ރިޕޯޓުކުރުމުގައި އަންހެނުންގެ ކަރާމާތަށް އުނިކަން ނާންނަ ގޮތަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރަމެވެ. މީގެއިތުރުން، އަނިޔާ ލިބޭ އަންހެނުންނާ މެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރުމަށް، އަންހެނުންގެ ޙައްޤުތަކާއި މެދު މުޖުތަމަޢު ހޭލުންތެރިކޮށް ދަޢުލަތާއި، މަދަނީ ޖަމުޢިއްޔާތަކާ އަދި މީޑިޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭކަން ފާހަގަކުރަމެވެ.