ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ހާފްވޭ ހައުސްއަށް ފޮލޯ-އަޕް ޒިޔާރަތެއްކޮށްފި


21-11-2018ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ހާފްވޭ ހައުސްއަށް21 ނޮވެންބަރު 2018 ގައި ވަނީ ފޮލޯ-އަޕް ޒިޔާރަތެއްކޮށްފައެވެ. މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ ޖަނަވަރީ 2016 ގައި ހާފްވޭ ހައުސްއަށްކުރި ޒިޔާރަތުގެ ރިޕޯޓުގައި ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ފޮލޯ-އަޕްހެދުމެވެ. މިގޮތުން މި ޒިޔާރަތުގައި ދައުލަތުގެ ބެލުމުގެދަށުން ހާފްވޭ ހައުސްގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާމެދު ޢަމަލުކުރަމުންދާގޮތް ދެނެގަނެ، އެ ފަރާތްތަކަށް ޤައުމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކުގައި ލިބިދީފައިވާ ރައްކާތެރިކަން ފޯރުކޮށްދެމުންދާ މިންވަރު ދެނެގަނެ، މި ސެންޓަރުގައި ފަރުވާ ހޯދަމުންގެންދާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުންނާއި ބައިނަލްއަޤްވަމީ މިންގަނޑުތަކުން ލިބިދީފައިވާ އިންސާނީ ޙައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯއާއި އެފަދަ ކަމަކަށް މަގުފަހިވާފަދަ ކަމެއް ހުރިތޯ ބަލައި، މި މަރުކަޒުގައި ފަރުވާ ފޯރުކޮށްދިނުމުގައި ބޭނުންވާ އެކި ކަންކަން ފޯރުކޮށްދިނުމުގައި ދިމާވާދަތިތައް ދެނެގަތުމާއި އެކަންކަން ޙައްލުކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ދެނެގަނެ، މި ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމެވެ.

މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް ހާފްވޭ ހައުސްއަށް ލިޔުމުން ޙިއްޞާކޮށް، މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް އެކުލަވާލެވޭ ރިޕޯޓު ހާފްވޭ ހައުސްއަށާއި، ނޭޝަނަލް ޑްރަގް އޭޖެންސީ އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރެވޭނެއެވެ.

މީގެއިތުރުން، ރިޕޯޓްގައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ އަދި ހާފްވޭ ހައުސްގެ އިސްފަރާތްތަކާއެކު ބައްދަލުކޮށް، ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް ފޮލޯ-އަޕް ހެދުމަށް ހަމަޖެހިފައިވެއެވެ.