ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަސް


19-11-2018ތާރީޙް: 

މިއަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އަނިޔާ ލިބެމުންދާ ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅައި، ކުޑަކުދިންނަށް ކުރާ އަނިޔާއާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ. އަދި ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމަށް ބާރުއެޅުމާއި ކުޑަކުދިންނަށް ކުރާ އަނިޔާ މުޖުތަމަޢުގައި ހިނގިޔަ ނުދިނުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް އަވަސް ފުރުސަތެއްގައި އެޅުމަށް ހަނދާންކޮށްދިނުމެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއިން ވަނީ ކުޑަކުދިންނަށް ޙާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައެވެ. އަދި ކުޑަކުދިންނަށް ލިބިދޭންޖެހޭ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދިވެހިރާއްޖޭގައި ޤާނޫނުތަކާއި ޤަވާޢިދުތައް ހެދި ދަނީ ތަންފީޒުކުރަމުންނެވެ. ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި މިއަހަރު ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު "ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރުމާބެހޭ އުޞޫލު" އަށް ޢަމަލުކުރަން ފަށާފައިވާކަން ފާހަގަކުރަމެވެ. މި އުޞޫލަކީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބެންޖެހިފައިވާ ކުދިންނަށް ޢާއިލީ ވެއްޓެއްގައި ޢާއިލާއެއްގެ ލޯތްބާއި ރައްކައުތެރިކަން ލިބުމަށް މަގުފަހިވެ، އެކުދިންގެ މުސްތަޤްބަލު ރަނގަޅުގޮތުގައި ބިނާވެގެންދިއުމަށް މަގުފަހިވެގެންދާނެ ހަރުދަނާ ފިޔަވަޅެއްކަމުގައި ފާހަގަކުރަމެވެ.

ހިއުމަން ރައިޓްސް ކޮމިޝަނާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ކުޑަކުދިންނާ ގުޅުންހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ މައްސަލަތަކާއި އާއިލާއާއި މުޖުތަމަޢު އަދި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ފަރާތުން ވާ އިހުމާލުގެ މައްސަލަތައް ހިމެނެއެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، މި މައްސަލަތަކުގެ ތެރެއިން 50 އިންސައްތަ މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅުންހުރި މައްސަލަތައްކަން ހިތާމައާއެކު ފާހަގަކުރަމެވެ.

އެހެންކަމުން، ކުޑަކުދިންނަށް ކުރާއަނިޔާ ހުއްޓުވައި، އަނިޔާ ލިބޭ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި ޑްރާފްޓް މަރުހަލާގައިވާ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބިލާއި ޖުވެނައިލް ޖަސްޓިސް ބިލު ވީއެންމެއަވަހަކަށް ފާސްކުރަންޖެހެއެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުން ހިންގަމުންދާ ކުޑަކުދިންގެ މަރުކަޒުތައް ހިންގުމުގެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމަށާއި، މިކަމާގުޅޭ އިޖްރާޢުތައް ކަމާގުޅުންހުރި ފަރާތްތަކުން ފުރިހަމަކުރަންޖެހެއެވެ. ހަމައެހެންމެ، އަނިޔާއަށް ހުށަހެޅޭ ކުދިންނަށް އެކަށީގެންވާ ގޮތެއްގައި ނަފްސާނީ އެހީތެރިކަން ދެވޭނެ އިންތިޒާމެއް ޤާއިމުކޮށް، ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި މިހާރު ޤާއިމުކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެކަށީގެންވާ ހަރުދަނާ ރިހެބިލިޓޭޝަން ނިޒާމެއް ޤާއިމުކުރުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ފޯރުކޮށްދޭން ޖެހިފައިވާކަންވެސް ފާހަގަކުރަމެވެ. މީގެއިތުރުން، ކުޑަކުދިންނަށް ކުރާއަނިޔާ ހުއްޓުވުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި މީޑިއާއިން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށް، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ވީހާވެސް އަވަހަކަށް މިފަދަ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތައް ޤާއިމުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

ހަމަމިއާއެކު، ކުޑަކުދިންނަށް ކުރާއަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް މައްސަލަތައް ރިޕޯޓުކުރުމަށް މީޑިއާއަށް އިލްތިމާސްކުރަމެވެ. ހަމައެހެންމެ، ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލުކަމަށްވީ ހިނދު ކުޑަކުދިންނަށް ލިބޭ އަނިޔާއިން އެކުދިން ރައްކާތެރިކޮށް، އެކުދިންނަށް ލިބެންވާ ލޯތްބާއި އަޅާލުމާއި ރައްކާތެރިކަން ދިނުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަމަށް ދެކި، އެކުދިންނަށް ރައްކާތެރިކަންދިނުމަށް ފަރުދީ ހައިސިއްޔަތުން ކުރެވެންހުރި މަސައްކަތްކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.