ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޝެޑޯ ރިޕޯޓް ކެޓް ކޮމިޓީއަށް ހުށަހަޅައިފި


13-11-2018ތާރީޙް: 

އަނިޔާކުރުމާއި، އެހެނިހެން އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލު ހިންގުމާއި އަދަބު ދިނުމާއި ދެކޮޅު މުޢާހަދާ (ކެޓް ކޮންވެންޝަން)ގެ ދަށުން ކޮމިޓީ އެގެއިންސްޓް ޓޯޗަރ (ކެޓް ކޮމިޓީ)އަށް 18 ސެޕްޓެންބަރު 2018ގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ޝެޑޯ ރިޕޯޓް ހުށަހަޅައިފިއެވެ.

މި ރިޕޯޓުގައި ދިވެހިރާއްޖޭގައި ކެޓް ކޮންވެންޝަން ތަންފީޒުކުރެވިފައިވާ މިންވަރުގެ މަޢުލޫމާތާއި، ކެޓް ކޮމިޓީއިން ދިވެހި ދައުލަތަށް ހުށަހެޅުމަށް ކޮމިޝަނަށް ފެންނަ ހުށަހެޅުންތައް ހިމަނާފައިވާނެއެވެ. މީގެ އިތުރުން، ޓޯޗަރ ހުއްޓުވުމަށް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކުގައި ކޮމިޝަނަށް ދިމާވާ ގޮންޖެހުންތައްވެސް ފާހަގަކޮށްފައިވާނެއެވެ.

ފާއިތުވި ދިހަ އަހަރުދުވަހުގެ މަޢުލޫމާތު ހިމެނޭ މި ޝެޑޯ ރިޕޯޓުގައިވާ މަޢުލޫމާތުތައް އެކުލަވާލުމުގައި ކޮމިޝަނުން ރިޔާޢަތްކޮށްފައިވާނީ، ދައުލަތުގެ ބެލުމުގެދަށުގައި މީހުން ބައިތިއްބާ ތަންތަނަށް ކޮމިޝަނުން ކޮށްފައިވާ ޒިޔާރަތްތަކާއި، ކޮމިޝަނުން ހިންގާފައިވާ ތަޙުޤީޤުތަކުން އަދި މީޑިއާ މޮނިޓަރ ކުރުމުގައި ކޮމިޝަނަށް ފާހަގަވެފައިވާ ކަންކަމުގެ އިތުރުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކޮމިޝަނާ ޙިއްޞާކޮށްފައިވާ މައުލޫމާތުތަކުގެ މައްޗަށެވެ.