ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކ. މާފުށީ ޖަލަށް ތީމެޓިކް (ޞިއްޙީ ދާއިރާ) ޒިޔާރަތެއްކޮށްފި


08-11-2018ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ކ. މާފުށީ ޖަލަށް 2018 ނޮވެންބަރު 6 އިން 8 އަށް ވަނީ ތީމެޓިކް ޒިޔާރަތެއްކޮށްފައެވެ. މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ ކ. މާފުށީ ޖަލުގެ ޞިއްޙީ ޙާލަތު ދެނެގަތުމާއި ބަންދުކޮށްފައިތިބޭ މީހުންނާމެދު ޢަމަލުކުރެވޭގޮތާއި، އަނިޔާވެރި، ލާއިންސާނީ އެހެނިހެން އަނިޔާވެރި ޢަމަލެއް ހިނގާތޯ ބެލުމާއި، ޖަލުގެ މެޑިކަލް ޔުނިޓުގެ ޙާލަތާއި ތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ދެނެގަތުމާއި ޚާއްޞަ ފަރުވާއަށް ބޭނުންވާ މީހުންނަށާއި، ޚާއްޞަ ބެލުމާއި، ޚާއްޞަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެއްވެސް އުނދަގުލަކާނުލާ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާގޮތް ދެނެގަތުމާއި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާދޭތެރޭގައި ޢަމަލުކުރާގޮތް ދެނެގަތުމާއި ޞިއްޙީ ކުއްލި ޙާލަތްތަކުގައި ޢަމަލުކުރަމުންދާގޮތް ދެނެގަތުމާއި ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނާއި ޤައިދީން ޞިއްޙީ ކަންތައްތަކާ ގުޅޭގޮތުން ހޭލުންތެރި ކުރެވިފައިވާމިންވަރު ދެނެގަތުމެވެ.

މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، މާފުށީ ޖަލުގެ ޞިއްޙީކަންކަމާއި ގުޅިގެން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް، ޒިޔާރަތްކުރާތާ ގިނަވެގެން 3 ދުވަހުގެ ތެރޭގައި ކ. މާފުށީ ޖަލާއި ޙިއްޞާކޮށް އަދި މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް ލިޔާ ރިޕޯޓް ތައްޔާރުކޮށް ކ. މާފުށީ ޖަލު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާއި ރިޕޯޓު ޙިއްޞާކުރުމަށްފަހު ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށައަޅާފައިވާ ހުށައެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއެކު ބައްދަލުވުމެއް ބޭއްވޭނެއެވެ.

މީގެއިތުރުން ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތަކާ ގުޅޭގޮތުން މި ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯއަޕް ހަދަމުން ދާނެއެވެ.