ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް ޒިޔާރަތެއްކޮށްފި


31-10-2018ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް 2018 އޮކްޓޫބަރު 30 ވީ އަންގާރަދުވަހު ވަނީ މޮނިޓަރިންގ ޒިޔާރަތެއްކޮށްފައެވެ. މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ހުކުމް ތަންފީޛު ކުރަމުންދާ ޤައިދީންނާއި ރާއްޖެއިން ފުރުވާލެވެންދެން މި ސެންޓަރުގައި ބަންދުކޮށްފައިވާ ބިދޭސީންނަށް އެ މީހުންނާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި ދަޢުލަތުގެ ބެލުމުގެދަށުގައި ބައިތިއްބާފައިތިބޭ މީހުންނަށް ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބަލައި، މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ބައިތިއްބާ މީހުންގެ އާންމު ޙާލަތާއި މުވައްޒަފުންގެ ޙާލަތު ދެނެގަތުމެވެ. އަދި 2016 ވަނަ އަހަރު މި ޑިޓެންޝަން ސެންޓަރަށް ކުރި ޒިޔާރަތުގެ ރިޕޯޓްގައި ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޢަމަލުކުރަމުންދާ މިންވަރު ދެނެގަތުމާއި 2017 ވަނައަހަރު މިސެންޓަރަށް ކުރެވުނު ޒިޔާރަތުގައި ފާހަގަ ކުރެވުނު ކަންތައްތައް އިތުރަށް ބެލުމެވެ.

މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު، ހުޅުމާލެ ޑިޓެންޝަން ސެންޓަރާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި މޯލްޑިވްސް އިމިގްރޭޝަނާއި އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާއި ޙިއްޞާކުރާނެއެވެ. އަދި ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތަކާ ގުޅޭގޮތުން މި ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯއަޕް ހަދަމުން ދާނެއެވެ.