ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދޮށީ އުމުރުގެ މީހުންގެ ދުވަސް 2018


30-09-2018ތާރީޙް: 

މިއަދަކީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ދޮށީއުމުރުގެ މީހުންގެ ދުވަހެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ދޮށީއުމުުރުގެ މީހުން ޤައުމު ބިނާކުރުމަށް ކޮށްފައިވާ އިޚްލާސްތެރި މަސައްކަތުގެ އަގުވަޒަންކުރުމާއި، އެ ފަރާތްތަކުގެ ޢިލްމާއި، ހުނަރާއި، އަގުހުރި ޚިދުމަތާއި، ތަޖުރިބާ ބަލައިގަނެ މުޖުތަމަޢު ބިނާކުރުމަށާއި ގައުމުގެ ތަރައްޤީއަށް އެ ފަރާތްތަކުގެ ޙިއްސާ އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް ބާރުއެޅުމެވެ. މި އަހަރުގެ ދޮށީއުމުރުގެ މީހުންގެ ދުވަހުގެ ޝިޢާރަކީ:

“Celebrating Older Human Rights Champions”.

މި ޝިޢާރުގެ މައިގަނޑު އަމާޒަކީ ދޮށީއުމުރުގެ މީހުންނަށް ލިބިދޭންޖެހޭ އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި، މުޖުތަމަޢުގެ ކަންތައްތަކުގައި ބައިވެރިވުން އިތުރުކުރުމެވެ. އަދި އެ ފަރާތްތަކަށް ލިބިދޭންޖެހޭ އިންސާނީ ޙައްޤުތައް ފުރިހަމަޔަށް ލިބިދިނުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ފަރާތްތައް ޝާމިލްވާގޮތަށް، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ މަސައްކަތުގައި ވީހާ ގިނަ ބަޔަކު ބައިވެރިކުރުމެވެ.

2014ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބަށް ބަލާއިރު 2040ވަނަ އަހަރާހަމައަށް ރާއްޖޭގެ އާބާދީގެ ދިހައެއް އިންސައްތައަކީ ދޮށީ އުމުރުގެ މީހުންނެވެ. ދޮށީއުމުރުގެ މީހުންނާއި ގުޅޭގޮތުން ދިވެހިރާއްޖޭގައި ހަރުދަނާ ޤައުމީ ސިޔާސަތެއް އެކުލަވާލެވި، އެކަންކަން ތަންފީޒުކުރުމަށް އުޞޫލުތަކެއް ކަނޑައެޅި، އެކަށީގެންވާ ޙަރަކާތްތަކެއް ކުރިއަށް ގެންދާކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ. މިގޮތުން، ދޮށީ އުމުރުގެ މީހުންގެ ތެރޭގައި ތިބި އަޅާލާނެ މީހަކު ނެތް މީހުންނަށް ޚިދުމަތްދިނުމާއި، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް ދޮށީއުމުރުގެ މީހުންނަށް ތަފާތު އެކިއެކި ޚިިދުމަތްތަކާއި މަޢުލޫމާތު ފޯރުކޮށްދީ އަދި ޒުވާނުންގެ މެދުގައި ދޮށީ އުމުރުގެ މީހުންނަށް އޯގާތެރިކޮށް ހިތުމުގެ ރޫޙު އާލާކުރުމަށް ޙަރަކާތްތަކެއް ގެންގޮސްފައިވާކަން ފާހަގަކުރަމެވެ.

ދޮށީއުމުރުގެ މީހުންނަށް އަޅާނުލާ އެކަނިވެރިކޮށްލުމާއި، އިޙްތިރާމް ނުކުރާކަމާ އަދި ޢާއިލާއިން ލިބިދޭންޖެހޭ އޯގާތެރިކަމާއި ރައްކާތެރިކަން ފޯރުކޮށް ނުދޭކަމީ ކޮމިޝަނުން ނިހާޔަތަށް ކަންބޮޑުވާކަމެކެވެ. އެހެންކަމުން، މުޖުތަމަޢުގެ އެކިކަންކަމުގައި ދޮށީއުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކޮށް އެ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި، އިޖުތިމާޢީ ރައްކާތެރިކަން އިތުރަށް ހަރުދުނާކުރުމުގެ މުހިންމުކަން ފާހަގަކުރަމެވެ. މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ދޮށީއުމުރުގެ މީހުންގެ ރައްކާތެރިކަމާއި ޙައްޤުތައް ކަށަވަރުކުރުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް މުވައްޒަފުންނަށް އިތުރު ތަމްރީނުދިނުމަކީ މުހިންމުކަމެކެވެ. އަދި ޢާއިލާތަކުންނާއި މުޖުތަމަޢުއިން ދޮށީއުމުރުގެ މީހުންނަށް ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ދިނުމަށް އިލްތިމާސްކުރަމެވެ. ދޮށީއުމުރުގެ މީހުން މުޖުތަމަޢުއަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތަކާ އަދި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި މެދު މުޖުތަމަޢު ހޭލުންތެރިކުރުމަށް ދައުލަތާއި، މަދަނީ ޖަމުޢިއްޔާތަކާއި މީޑިއާއިން ކުރައްވަމުން ގެންދަވާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށް އިލްތިމާސްކުރަމެވެ.