ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން - PR-09/2018


24-09-2018ތާރީޙް: 

2018 ސެޕްޓެންބަރު 23 ވީ އާދިއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބަކީ، ޤާނޫނުއަސާސީއާއި އިންތިޚާބާ ގުޅޭ ޤާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ ފަދައިން މިނިވަން އިންސާފުވެރި އަދި ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް ލިބިދޭ އިންތިޚާބެއްކަން ކަށަވަރުކުރުމަށްޓަކައި ވޯޓުލުމުގެ ކަންތައް ކުރިއަށް ދިޔައިރު ރާއްޖޭގެ 15 ސަރަޙައްދެއްގެ ވޯޓުލުމުގެ ކަންތައްތައް ހިނގަމުންދިޔަގޮތް ބެލުމަށް ކޮމިޝަނުގެ އޮބްޒަރވަރުން ވަނީ ހަރަކާތްތެރިވެފައެވެ.

މި އިންތިޚާބުގެ ކަންކަން އޮބްޒަރވްކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު ކޮމިޝަނަށް ފާހަގަކުރެވިފައިވަނީ މި އިންތިޚާބުގައި ޤާނޫނުތަކާ ގަވާއިދުތަކާ ޚިލާފަށް އެއްވެސް މީހެއްގެ ވޯޓުލުމުގެ ޙައްޤަށް ބުރޫއަރައި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެފަދަ ކަމެއް ހިނގާފައިނުވާކަމެވެ. އަދި މި އަހަރަކީ ގިނަ އަދަދެއްގެ މީހުން ވޯޓުލުމަށް ނިކުމެފައިވާ އަހަރެއްކަން ކޮމިޝަނުން އުފަލާއެކު ފާހަގަކުރަމެވެ. އެހެން ނަމަވެސް، ވޯޓު ލުމުގެކަންކަން ދިޔަގޮތް ލަސްވުމުގެ ސަބަބުން ވޯޓުލުމަށް ނިކުތް މީހުން ވަރަށް ގިނަ ވަގުތު ވޯޓުލުމަށް ކިއުގައި މަޑުކުރަން ޖެހުނުކަމާއި އިންތިޚާބުގެ އިދާރީ އިންތިޒާމުތައް ހަރުދަނާކުރަންޖެހޭކަން މި ކޮމިޝަނުން ފާހަގަކުރަމެވެ.

މި އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައިރު ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ކެތްތެރިކަމާއި، އެއްބައިވަންތަކަން އުފަލާއެކު ފާހަގަކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވަމެވެ. މި އިންތިޚާބުގައި ފެނިގެންދިޔައީ ޤައުމީ ރޫޙެއްގައި ޤައުމުގެ ޞުލްޙަ މަސަލަސްކަން އިސްކޮށްގެން ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރަމުންދިޔަތަނެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް ކުރިއަށްއޮތްތަނުގައިވެސް ޤައުމުގެ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.

މިކަންކަމަށް ރިޔާޢަތް ކުރާއިރު ކޮމިޝަނަށް ފާހަގަކުރެވުނީ މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްކަމެވެ.