ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ސޯލްގައި ކުރިޔަށްދާ ގަންރީގެ ހާއްސަ ސެޝަން އަދި އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާ ގުޅޭގޮތުން ބާއްވާ އާސެމްގެ ތިންވަނަ ކޮންފަރެންސްގައި އެޗް.އާރ.ސީ.އެމްއިން ބައިވެރިވެއްޖެ


06-09-2018ތާރީޙް: 

މިމަހުގެ 4 އިން 7އަށް ދެކުނު ކޮރެއާގެ ސޯލްގައި ކުރިޔަށްދާ ގްލޯބަލް އެލައިންސް އޮފް ނެޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޓްސް (ގަންރީ)ގެ ހާއްސަ ސެޝަން 2018 އަދި އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާގުޅޭގޮތުން އޭޝިއާ ޔޫރަޕް މީޓިންގ (އާސެމް)އިން ބާއްވާ ތިންވަނަ ކޮންފަރެންސްގައި އެޗް.އާރ.ސީ.އެމްގެ ނާއިބް ރައީސް އަލްފާޟިލް މުޙައްމަދު ޒާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ގަންރީގެ ހާއްސަ ސެޝަނުގެ އަމާޒަކީ ދުވަސްވީ މީހުންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދުމަށް މަސައްކަތްކުރުމާބެހޭގޮތުން މަޝްވަރާކުރުމެވެ. މި ސެޝަނުގައި ބައިވެރިވާ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން މަސައްކަތްކުރާ ފަރާތްތަކުން އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ހަރަކާތްތަކާ ބެހޭގޮތުންވެސް މަޢުލޫމާތު ހިއްސާ ކުރެވޭނެއެވެ.

އާސެމްގެ ތިންވަނަ ކޮންފަރެންސްގައި އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް އިތުރަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.

މި ކޮންފަރެންސް އިންތިޒާމްކޮށް ކުރިޔަށްގެންދަނީ ދެކުނު ކޮރެއާގެ ހިއުމަން ރައިޓްސް ކޮމިޝަންއާއި އާސެމް ގްލޯބަލް އޭޖިންގ ސެންޓަރ ގުޅިގެންނެވެ.