ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން - PR-07/2018


30-08-2018ތާރީޙް: 

ޤައުމެއްގެ ދިމިޤްރާތީ ޙަޔާތުގައި ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ އެންމެ މުހިއްމު ޙައްޤަކީ، ދައުލަތް ހިންގުމަށް ވެރިޔަކު އިންތިޚާބުކުރުމަށް ސީދާކޮށް ބައިވެރިވެ، މިނިވަންކަމާ ހަމަހަމަކަމާއެކު ނުފޫޒުން އެއްކިބާވެ ވޯޓުލުމުގެ ޙައްޤު އެންމެހާ ރައްޔިތުންނަށް ކަށަވަރުވުމެވެ. މި އަހަރުގެ ސެޕްޓެންބަރު މަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މި ޙައްޤު ޒިންމާދާރުކަމާއެކު އަދާކުރުމުގެ ފުރުޞަތު އޮންނަންވާނެއެވެ.

މިހެންކަމުން، މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް އޮތްތޯ ކަށަވަރުކުރުމުގެގޮތުން، މި ކޮމިޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އިންތިޚާބު އޮބްޒާވްކުރުމުގެ މަސައްކަތް ތިން ބަޔަކަށް ބަހާލައިގެން ކުރާއިރު، އިންތިޚާބުގެ ކުރިން ހިނގާ ކަންތައްތައް ދެނެގަތުމާއި، ވޯޓުލާ ދުވަހު އިންތިޚާބު އޮބްޒާވްކުރުމާ އަދި އިންތިޚާބުގެ ފަހުން ހިނގާ ކަންކަން ބެލުމަށް ވަނީ ރޭވިފައެވެ. މިގޮތުން، އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި، ޤަވާއިދުތަކާ އަދި އުސޫލުތަކަށް އައިސްފައިވާ ބަދަލުތައް ދިރާސާ ކުރުމުގެ މަސައްކަތްތަކާއި، އިންތިޚާބުގެ ކުރިން ހިނގާ ކަންކަން ދެނެގަތުމުގެ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކާއި މީޑީއާގެ އެކި ވަސީލަތްތައް މޮނިޓަރކުރުމާއި، ކަމާގުޅުން ހުރި އިދާރާތްތަކާއި ސިޔާސީ ޕާޓީތަކާ ބައްދަލުކުރުމާއި، އިންތިޚާބާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅި މައްސަލަތަކާ އަދި ކޮމިޝަނަށް ފާހަގަވި ކަންކަމާ ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް އެކަންކަން ވަނީ ހައްލު ކުރެވިފައެވެ. މީގެއިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮމިޝަނުގެ ޓީމްތަކުން ޒިޔާރަތްކޮށް އެ ރަށްރަށުގައި އިންތިޚާބު ބޭއްވޭނެ މާހައުލެއް ޤާއިމުވެފައިވޭތޯ ދެނެގަނެވިފައިވެއެވެ. މީގެއިތުރުންވެސް، ވޯޓުލުމުގެ ޙައްޤާއި އިންތިޚާބާ ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮމިޝަނުން ދަނީ ކުރަމުންނެވެ.

މިގޮތުން، މިހާތަނަށް ކުރެވުނު މަސައްކަތުގެ އަލީގައި ކޮމިޝަނަށް ފާހަގަކުރެވުނީ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެކަށީގެންވާ މާޙައުލެއް މިވަގުތު ޤާއިމުވެފައިވާކަމަށެވެ.

އެހެންކަމުން، މި މާޙައުލު މިގޮތަށް ދެމެހެއްޓުމަށް ކަމާބެހޭ އިދާރާތަކާއި ސިޔާސީ ޕާޓީތަކާ އަދި އަމިއްލަ ފަރުދުން މަސައްކަތްކުރުމަށް އިލްތިމާސްކުރަމެވެ. ހަމަމިއާއެކު، ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާއިރު ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި، ފިތުނަފަސާދަ އުފެދޭނެ ގޮތަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ސިޔާސީ ޕާޓީތަކަށް އިލްތިމާސްކުރަމެވެ.