ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އައްޑޫ ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލަތު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ދިރާސާއެއް ފަށަނީ


19-06-2018ތާރީޙް: 

އައްޑޫ ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލަތު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ގުޅިގެން ދިރާސާއެއް ކުރުމަށް ނިންމައިފިއެވެ. މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ ރައްކާތެރިކަން ކަށަވަރުވެފައި އޮތް މިންވަރު ދެނެގަނެ އެފަރާތްތަކުގެ ޙާލަތު ރަގަޅުކުރެވޭނެ މޮނިޓަރިން ނިޒާމެއް ޤާއިމް ކުރުމަށް މަގުފަހިކޮށްދިނުމެވެ.

މި ދިރާސާގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 25 ޖޫން 2018 ގައެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ދިރާސާގައި އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގެ އުމުރުން ދުވަސްވީ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދިރިއުޅޭކަމަށް ބެލެވޭ ގޭބިސީތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކުރެވޭނެއެވެ.

މި ދިރާސާގައި 1500 އަށްވުރެ ގިނަމީހުންގެ މަޢުލޫމާތު ހޯދުމަށް ނިންމާފައިވާއިރު، މި ދިރާސާ ކުރިއަށްގެންދިޔުމަށް އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތު، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ.