ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ކުޑަކުދިންގެ ދުވަސް 2018


10-05-2018ތާރީޙް: 

ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދީ އެންމެހާ ލޮބުވެތި ކުޑަކުދިންނަށް ފޮނުވަމެވެ. މިފަދަ ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ ކުޑަކުދިންގެ ޙައްޤުތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވައި، އެކުދިންނަށް ބޭނުންވާ ތަޢުލީމާއި ތަރުބިއްޔަތުދީ، އަމާން ވެއްޓެއް ޤާއިމްކޮށްދިނުމުގައި މަސްޢޫލުވާ ފަރާތްތަކުގެ ޒިންމާ ހަނދާންކޮށްދިނުމާއި، އުފާވެރިކަމާއި ރައްކާތެރިކަމާއެކު ހެދިބޮޑުވެވޭނެ މާޙައުލެއް ކުޑަކުދިންނަށް ފަހިކޮށްދިނުމަށް މަސައްކަތްކުރުމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ ޙައްޤެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް އެއްވެސް ބާވަތެއްގެ އަނިޔާއެއްކޮށް، ތަފާތުކޮށް، އެކަށީގެންނުވާ އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ ކަންކަމުގައި ބައިވެރިކޮށް، އެކުދިންގެ ފުށުން ނާޖާއިޒް މަންފާތައް ޙާޞިލްކުރުމަށް އެއްވެސް ފަރާތަކުން މަސައްކަތްކޮށްގެން ނުވާނެއެވެ.

މި އަހަރުގެ ތެރޭގައި ކުޑަކުދިންނަށް ތަފާތު އެކި ބާވަތުގެ އަނިޔާއާ ކުރިމަތިލާންޖެހުނުކަމާއި، ކުޑަކުދިންނާ މެދުވެވޭ އިހުމާލުގެ ސަބަބުން ކުދިންގެ ފުރާނައަށް ނުރައްކާވާފަދަ ކަންކަން ހިނގާފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ. މީގެ އިތުރުން، މި ކޮމިޝަނަށް ހުށައަޅާފައިވާ ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކުގެ ތެރޭގައި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި އިހުމާލުގެ މައްސަލަތައް ހިމެނެއެވެ. މިގޮތުން ނަފްސާނީ އަނިޔާއާއި، ޖިސްމާނީ އަނިޔާއާއި، ޖިންސީ އަނިޔާއާއި، އިހުމާލާއި، ހަޟާނާތުގެ މައްސަލަތައްވެސް ހިމެނެއެވެ. މީގެ އިތުރުން، ދަރިން ތަރުބިއްޔަތުކުރުމުގެ އެންމެ ފުރިހަމަ މަޢުލޫމާތު ބެލެނިވެރިންނަށް އެންމެ ރަނގަޅަށް އެގިފައި ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތައްވެސް ހިމެނެއެވެ.

ވުމާއެކު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނު މުރާޖަޢާކޮށް، ކުޑަކުދިންގެ ޙައްޤުތަކާގުޅޭ ސިޔާސަތެއް އެކުލަވާލުމާއި، ކުޑަކުދިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު އެކަށީގެންވާ ޤާނޫނީ ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަން މިފުރުސަތުގައި ފާހަގަކުރަމެވެ. މީގެއިތުރުން، ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ޤާނޫނު ވުޖޫދަށް ގެނައުމުގެ މުހިންމުކަންވެސް ފާހަގަކުރަމެވެ. އަދި ކުޑަކުދިންނާމެދު އަނިޔާގެ ޢަމަލުތައް ހިންގާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، ވީ އެންމެ އަވަހަށް އެކުދިންނަށް އިންސާފު ލިބޭނޭގޮތް މަގުފަހިކޮށްދިނުމަށް އިލްތިމާސްކުރަމެވެ.

ހަމަމިއާއެކު، ކުޑަކުދިންނާ ގުޅުންހުރި ކަންކަން ނިންމާއިރު، ކުޑަކުދިންގެ ޚިޔާލުތައް އަޑުއަހާ، ކުދިންނަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ނިންމުމަށް އިސްކަންދީ، މައިންބަފައިންގެ މެދުގައިޖެހޭ މައްސަލަތައް ހައްލުކުރުމުގައި ކުދިންގެ މަޞްލަޙަތަށް އަބަދުމެ އިސްކަންދިނުމަށް ނަސޭހަތްތެރިވަމެވެ. މީގެއިތުރުން، ކުޑަކުދިންނަށް ލިބެމުންދާ އަނިޔާތަކުން އެކުދިން ސަލާމަތްކޮށް ރައްކާތެރިކުރުމަށް ބެލެނިވެރިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށްވެސް ނަސޭހަތްތެރިވަމެވެ. އަދި ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގޭނަމަ، ލަސްނުކޮށް އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމުގައި ފަރުދީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމަށްވެސް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. ހަމަމިއާއެކު، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގައި އެކުދިންގެ ކަރާމަތަށް އުނިކަން ނާންނާނޭފަދަ ގޮތަށް ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ސަމާލުކަން ދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.