ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރ.ސީ.އެމްއިން އެން.ޖީ.އޯ ފޯރަމް ބާއްވައިފި


26-04-2018ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަނުން ހިއުމަން ރައިޓްސް އެން.ޖީ.އޯ ނެޓްވަރކްގައި ބައިވެރިވެފައިވާ ފަރާތްތަކަށް އަމާޒުކޮށް އެން.ޖީ.އޯ ފޯރަމެއް 25 އަދި 26 އޭޕްރީލް 2018 ގައި ބާއްވައިފިއެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރުމުގައި މަދަނީ ޖަމުއިއްޔާތައް ބާރުވެރިކުރުމުގެ މަޤްސަދުގައި ބާއްވާފައިވާ މިފޯރަމުގެ މަޤްސަދަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ މަދަނީ ޖަމުޢިއްޔާތައް އެކުގައި މަސައްކަތްކުރުމަށްޓަކައި ޕްލެޓްފޯމެއް ޤާއިމްކޮށްދިނުމާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި މަދަނީ ޖަމުޢިއްޔާތަކާމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތައް ހިމާޔަތްކޮށްދީ ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރުމަށް މަގުފަހުކުރުމާއި ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާމެދު އަޑު އުފުލުމަށް މަގުފަހިކޮށްދިނުމެވެ. މި ފޯރަމުގެ ތީމަކީ

“Strengthening the Role of Human Rights NGO Network in Attaining Human Rights in the Maldives”

ޔޫތު ސެންޓަރައި ދެދުވަހަށް ކުރިޔަށްދިޔަ މިފޯރަމްގައި 23 އެން.ޖީ.އޯއަކުން 24 ފަރާތެއް ބައިވެރިވެފައިވެއެވެ. މި ފޯރަމް ފެސިލިޓޭޓްކޮށްދެއްވަނީ ވޯލްޑް އެސެންބްލީ އޮފް ޔޫތުގެ ސެކްރެޓަރީ ޖެނެރަލް މިސް. އެޑިއޯލާ ޕަޝޮލާރީ އެވެ.

މިއަހަރުގެ ޖެނަވަރީމަހު މި ކޮމިޝަނުން އެން.ޖީ.އޯ ނެޓްވާރކްގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު 35 މަދަނީ ޖަމުއިއްޔާއަކުން ނެޓްވަރކްގައި ރަޖިސްޓަރީކޮށްފައިވެއެވެ. އިތުރު ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އަދިވެސްވަނީ ހުޅުވާލެވިފައެވެ. ކޮމިޝަނުގެ ޤާނޫނުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މައްސަކްތްކުރާ އަމިއްލަ ޖަމާޢަތްތަކަށް އެހީތެރިވެ، ހިއްވަރުދިނުމަކީ ކޮމިޝަނުގެ މަޤްސަދެއްކަމުގައި އޮވެއެވެ. މިގޮތުން އެންމެ ފުރަތަމަ ކޮމިޝަނުން އެން.ޖީ.އޯ ނެޓްވަރކް ޤާއިމްކޮށްފައިވަނީ 2009 ގައެވެ.