ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޭޕާލްގެ ކަތަމަންޑޫގައި ބޭއްވުނު އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި އެޗް.އާރ.ސީ.އެމްއިން ބައިވެރިވެއްޖެ


11-04-2018ތާރީޙް: 

މިމަހުގެ 9 އިން 11 އަށް ނޭޕާލްގެ ކަތަމަންޑޫގައި ބޭއްވުނު އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި އެޗް.އާރ.ސީ.އެމްގެ ރައީސް އަލްފާޟިލާ އާމިނަތު އީނާސް އަދި ނާއިބު ރައީސް އަލްފާޟިލް މުޙައްމަދު ޒާހިދު ބައިވެރިވެވަޑައިގެންފިއެވެ. މިކޮންފަރެންސްގެ ތީމަކީ:

“Identifying Challenges, Assessing Program, Moving forward: Addressing Impunity and Realizing Human Rights in South Asia”

މި ކޮންފަރެންސްގައި 20 ޤައުމަކުން އިންސާނީ ޙައްޤުތަކުގެ ދާއިރާގައި މަސައްކަތްކުރާ 50 ފަރާތެއް ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި އިންޑިއާ، އަޕްޤާނިސްތާން، ބަންގްލަދޭޝް، ބޫޓާން، ޕާކިސްތާން، ސްރީލަންކާ، މެލޭޝިއާ، މިޔަންމާ އަދި ދިވެހިރާއްޖެ ހިމެނެއެވެ. މި ކޮންފަރެންސް އިންތިޒާމްކޮށްފައިވަނީ ނޭޕާލްގެ ހިއުމަން ރައިޓްސް ކޮމިޝަން، އޭޝިއާ ޕެސިފިކް ފޯރަމް، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް އަދި ނޭޕާލްގެ ގަވަނަންސް ފެސިލިޓީއިންނެވެ.

މި ކޮންފަރެންސްގެ އަމާޒަކީ އިންސާނީ ޙައްޤުތަކުގެ ދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކަށް ދިމާވާ ދަތިތަކާ އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، ބައިނަލްއަޤުވާމީ މުޢާހަދާތައް ތަންފީޒުކޮށް ޤާނޫނުތަކުގެ ތެރޭގައި ހިމެނުމަށްކުރާ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކުރުމެވެ. މި ކޮންފަރެންސް އިފްތިތާޚްކޮށްދެއްވީ ނޭޕާލްގެ ރައީސް ރިޓަޔަޑް އޮނަރަބަލް ބިދްޔާ ދޭވީ ބަންޑާރީއެވެ.

ކޮމިޝަނުގެ ރައީސް އާމިނަތު އީނާސް މި ކޮންފަރެންސްގައި، އެޗް.އާރ.ސީ.އެމްއިން ކުރާ މަސައްކަތްތަކާއި ކޮމިޝަނަށް ދިމާވާ ދަތިތަކާއި މައްސަލަތަކާއި ގުޅިގެންނާ، މައްސަލަތަކުގެ ފަހުންވެސް އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ދިމާވާ ކަންތައްތަކާ ގުޅިގެން ކީނޯޓު އެޑްރެސް ހުށައަޅުއްވާފައިވެއެވެ. މީގެއިތުރުން، އަންހެނުންގެ ޙައްޤުތަކާބެހޭ ސެޝަން ކޮމިޝަނުގެ ރައީސް ކޯ-ޗެއާވެސް ކުރައްވާފައިވެއެވެ.