ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ބައިނަލްއަޤްވާމީ ޞިއްޙަތު ދުވަސް 2018


07-04-2018ތާރީޙް: 

ކޮންމެ އަހަރެއްގެވެސް 7 އެޕްރީލަކީ ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ފުރިހަމަ ސިއްޙަތެއްގައި ހުރުމަށް ދެވޭ އަހަންމިއްޔަތުކަން އިތުރުކޮށް، ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ދެނެގަނެ، ޞިއްޙަތާމެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

މި އަހަރުގެ ބައިނަލްއަޤްވާމީ ޞިއްޙަތު ދުވަހުގެ ޝިއާރަކީ:
“Universal health coverage: everyone, everywhere”
މި ޝިއާރުގައި އަލިއަޅުވާލާފައިވާ ކަންކަމަށް ބަލާއިރު، ވީހާއަވަހަށް، ވީހާވެސް ގާތުން އެކަށީގެންވާ ރަނގަޅު ޞިއްޙީ ފަރުވާ ލިބުމާއި، ޞިއްޙީ ފަރުވާ ހޯދުމަށް މާލީގޮތުން ދިމާވާ ދަތިތައް ނައްތާލައި، ފަސޭހައިން ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުން ހިމެނެއެވެ. އާއްމު ޞިއްޙަތުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ރަނގަޅު ކުރަންޖެހޭ ކަންކަންވެސް ޔުނިވާސަލް ހެލްތު ކަވަރޭޖްގެ ތެރޭގައި ހިމެނެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައަޅާފައިވާ ޞިއްޙީ ޙައްޤާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން މައިގަނޑުގޮތެއްގައި ފާހަގަކުރެވެނީ، އަތޮޅުތެރޭގައި ތިބި ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭސްލިބުމާއި، ބަލިތަކާ ގުޅޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގައި ދިމާވާ ދަތިތަކެވެ.

ވުމާއެކު، ވީހާއަވަހަށް، ވީހާވެސް ގާތުން އެކަށީގެންވާ ޞިއްޙީ ޚިދުމަތް ފޯރުކޮށްދީ، އަތޮޅުތެރޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޞިއްޙީ ޚިދުމަތް ފޯރުކޮށް ދިނުމުގައި އިތުރަށް ސަމާލުކަން ދިނުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް އިލްތިމާސްކުރަމެވެ. އެގޮތުން، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާ އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އިދާރާތަކުގެ މެދުގައި މުޢާމަލާތްކުރުމަށް އޮންނަ ނިޒާމް ހަރުދަނާކޮށް، ޚިދުމަތް ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމެވެ. ހަމައެފަދައިން، އާއްމު ޞިއްހަތުގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަފަރާތްތަކާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދާކުރަންޖެހެއެވެ. އެއާއެކު، އާންމުކޮށް ފެތުރޭ ބަލިތަކަށް ސަމާލުވުމާއި، އެބަލިތަކުން ރައްކާތެރިވުމަށްޓަކައި ފަރުދުންނާއި މުޖުތަމަޢުއަށް ކުރެވިދާނެ ކަންކަމާމެދު ހޭލުންތެރިކަން އިތުރު ކުރަންޖެހެއެވެ.

ދިވެހިރާއްޖޭގެ ހެލްތު މާސްޓަރޕްލޭން 2016 – 2025 ގައިވާ އަމާޒުތަކުގެ ތެރޭގައި އިސްވެދެންނެވި ކަންކަން ހިމެނިފައިވާކަމާއި މި ލަނޑުދަނޑިތައް ހާސިލްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް މުއައްސަސާތަކުން ކުރަމުންދާކަން މި ދަނޑިވަޅުގައި ފާހަގަކުރަމެއެވެ.