ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނަށް މޮނިޓަރިންގ ޒިޔާރަތެއްކޮށްފި


27-03-2018ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)އިން ތ. ވޭމަންޑޫގައި ހުންނަ ޕޮލިސް ސްޓޭޝަނަށް 27 މާރިޗު 2018 ވީ އަންގާރަ ދުވަހު މޮނިޓަރިންގ ޒިޔާރަތެއްކޮށްފިއެވެ. މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ މި ޕޮލިސް ސްޓޭޝަންގައި ތަހުޤީގަށް ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބާއިރު އެމީހުންނާއި މެދު އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމަށާއި ދަޢުލަތުގެ ބެލުމުގެދަށުގައި ބަންދުގައިތިބޭ މީހުންނަށް ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ހައްޤެއް ގެއްލޭފަދަކަމެއް ހިނގާތޯބަލައި މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ބައިތިއްބާ މީހުންގެ އާއްމު ޙާލަތާއި މުވައްޒަފުންގެ ޙާލަތު ދެނެގަތުމެވެ.

މި ޒިރާތަރުގައި ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން މަޢުލޫމާތު ސެޝަންއެއް ނަގައިދިނުމަށް ހަމަޖެހިފައިވެއެވެ. މި ސެޝަނުގެ ތެރޭގައި އެން.ޕީ.އެމްއަކީ ކޮބައިކަމާއި އެން.ޕީ.އެމްގެ މަސްއޫލިއްޔަތާއި އެންޓި ޓޯޗަރ ޤާނޫނާއި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އިންސާނީ ޙައްޤުތަކާބެހޭ ޢާންމު ޤަރާރު، ފުލުހުންގެ ބާރާއި އިހުތިޔާރު ބޭނުންކުރުމުގެ ގަވައިދުތަކާ އުޞޫލްތައް އަދި 'ދަ މަންޑޭލާ ރޫލްސް' ހިމެނެއެވެ.
މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާއްމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިއްމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު، ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރާނެއެވެ. އަދި ކޮމިޝަނުގެ ރިޕޯރޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތަކާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ބައްދަލުކޮށް، މި ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯ-އަޕް ހެދުމަށް ކޮމިޝަނުންވަނީ ކަނޑައަޅާފައެވެ.