ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ޚަބަރު


12-03-2018ތާރީޙް: 

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2018 ފެބްރުވަރީ 1 ގައި ނެރެފައިވާ އަމުރާ ގުޅިގެން މާލެއާއި އަތޮޅުތަކުގައި ކުރަމުންދާ މުޒާހަރާތައް މި ކޮމިޝަނުން ދަނީ ވަރަށް ގާތުން ބަލައި މޮނިޓަރ ކުރަމުންނެވެ. މިގޮތުން މީހުން އެއްވާ ސަރަހައްދުތަކުގައި ފީލްޑް މޮނިޓަރިންގ ކުރިޔަށް ގެންގޮސް، މީސްމީޑިއާ އަދި ޚަބަރުފަތުރާ އެހެނިހެން ވަސީލަތްތަކުން ޢާންމުކުރަމުންދާ ޚަބަރުތައްވެސް ދަނީ ބަލަމުންނެވެ.

މިގޮތުން ކޮމިޝަނުގެ ފީލްޑް މޮނިޓަރިންގ ޓީމަށް ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރޭގައި:
1. އެއްވުންތައް ރޫޅާލުމުގައި ބައެއް ފަހަރު ފުލުހުން ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާކަން.
2. ބައެއް ފުލުހުންގެ ޢަމަލުތަކުގެ ސަބަބުން އާންމުންގެ ތެރެއިން ބައެއް މީހުންނަށާއި އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް އަނިޔާވެފައިވާކަން.
3. ލެސްލީތަލް ހަތިޔާރު ބޭނުންކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ "ހަތިޔާރު ގެންގުޅުމާއި ބޭނުން ކުރުމާބެހޭ ގަވާއިދު"ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ބައެއް ހާލަތްތަކުގައި ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާކަން.
4. އާންމު ރައްޔިތުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ އަމުރުތަކަށް ނުކިޔަމަންތެރިކަން ދައްކާފައިވާކަން.
5. މުޢާމަލާތް ކުރުމުގައި ފުލުހުންނާއި އާންމުން ބައެއް ފަހަރު ބޭނުންކޮށްފައިވަނީ އެންމެ އެކަށީގެންވާ ބަސްމަގު ނޫންކަން.
6. އެއްވުންތަކުގައި ބައިވެރިވި ބައެއް ފަރާތްތަކުން އެއްވުންތަކަށް ކުޑަކުދިން ގެންގޮސްފައިވާކަން.
7. ރޭގަނޑު 12:00ގެ ފަހުންވެސް އެއްވެފައިވާ ތަންތަނުގައި އަޑުގަދަކޮށް، ހުތުރުބަހުން މުޢާމަލާތްކުރާކަމާއި، މިތަންތަނުގައި ސައިކަލު ފަދަ އުޅަނދުތަކުގައި ތިބެ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ޢާންމުންނަށް އުނދަގޫވާނެހެން ބަރުގޮނުއަޅާ އަޑުގަދަ ކުރާކަން.
8. ފަހަކަށް އައިސް ގިނަ އެއްވުންތައް ސުލްހަވެރިކަމާއެކު ކުރިޔަށް ގެންގޮސްފައިވާކަމާއި، އެއްވުންތައް ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ނުވާކަން.

މުޒާހަރާތައް ރޫޅާލުމުގެ ތެރޭގައާއި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އަނިޔާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ 6 މައްސަލައެއް ކޮމިޝަނުންދަނީ ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު) ގެ ދަށުން ބަލަމުންނެވެ. މީގެތެރެއިން 3 މައްސަލައަކީ ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ މައްސަލަތަކެކެވެ.

ކޮމިޝަނުން މުޒާހަރާތައް މޮނިޓަރ ކުރުމަށްފަހު، އެކުލަވަލާ ރިޕޯޓު ކޮމިޝަނުގެ ވެބްސައިޓުގައި ޢާންމުކޮށް، މުޒާހަރާ މޮނިޓަރކުރުމުގެ ތެރޭގައި ފާހަގަކުރެވޭ ކަންކަމުގެ ތެރެއިން ރަނގަޅު ކުރުމަށް ކޮމިޝަނަށް ފެންނަ ކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސްއާ އެކު ފެބްރުވަރީ 18 އަދި މާރިޗު މަހުގެ 11 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުންތަކުގައިވަނީ ހިއްސާކޮށްފައެވެ.