ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރ.ސީ.އެމްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނައް އިތުރު އިނާޔަތްތަކެއް ހަމަޖައްސައިފި.


08-03-2018ތާރީޙް: 

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޚާއްސަ އިނާޔަތްތަކެއްގެގޮތުގައި ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި މުވައްޒަފުންނަށް ދެވޭ ޗުއްޓީ 6 މަސްދުވަހަށް އިތުރުކޮށް، މާބަނޑު އަންހެނުންނަށް މެންދުރު ކެއުމަށް ދެވޭ 1 ގަޑިއިރުގެ ހުސް ވަގުތުކޮޅުގެ އިތުރުން "ފްލެކްސިބަލް ބްރޭކް" ގެ ގޮތުގައި 1 ގަޑިއިރު، ނެގޭނެގޮތައް ކޮމިޝަނުން ނިންމައިފިއެވެ.

މި ނިންމުމުގެ މަޤްޞަދަކީ ކޮމިޝަންގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ވަޒީފާގައި ދެމިތިބުމުގައާއި، މަތީ ފަންތީގެ މަޤާމުތަކަށް ދިއުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލާ، މަސައްކަތު މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަގުފަހިކުރުމެވެ.

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އިން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ކޮމިޝަނުގެ މުވައްޒަފުންނަށް ދެވޭ އިނާޔަތްތަކުގެ ތެރޭގައި، އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިހެން މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައިދެވޭ 10 ދުވަހާއި އަންހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ހިސާބުން ފެށިގެން ދަރިފުޅުގެ އުމުރުން ދޮޅު އަހަރު ވަންދެން ދަރިފުޅުގެގާތައް ދިނުމަށް ދެވޭ 1 ގަޑިއިރުގެ ހުސް ވަގުތުކޮޅާއި މުވައްޒަފުންނަށް މެންދުރު ކެއުމަށްދެވޭ 1 ގަޑިއިރުގެ ހުސް ވަގުތުކޮޅު ހިމެނެއެވެ.

ކޮމިޝަނުގެ މުވައްޒަފުންގެ މިންތީގެ ނިސްބަތަށް ބަލާއިރު، މުވައްޒަފުންގެ 67 އިންސައްތައަކީ އަންހެން މުވައްޒަފުންނެވެ. ޚާއްސަކޮށް ކޮމިޝަންގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ތެރެއިން 55 އިންސައްތައަކީ އަންހެނުންނެވެ. އަދި ކޮމިޝަންގެ 5 މެންބަރުންގެ ތެރެއިން 3 މެންބަރުންނަކީ އަންހެން މެންބަރުންކަންވެސް ފާހަގަ ކުރަމެވެ.