ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް 2018


08-03-2018ތާރީޙް: 

މިއަދަކީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އަންހެނުންނަކީ މުޖްތަމަޢުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކުރުމާއި، ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން މުހިންމުކަން ދެނެގަނެ، އަންހެނުންނާމެދު ކުރާ ނޭދެވޭ ތަފާތުކުރުންތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވައި، އެކަންތައްތަކަށް ފަރުދީ އަދި ޤައުމީ ފެންވަރެއްގައި ސަމާލުކަންދިނުމެވެ. މީގެއިތުރުން، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި އަންހެނުން ހޯދާފައިވާ ކާމީޔާބީތަކާއި، ޙާޞިލްކޮށްފައިވާ ލަނޑުދަނޑިތައް ފާހަގަކޮށް، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމުގެ އަޒުމް އާކުރުމެވެ.

މިއަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ؛
“Time is Now: Rural and urban activists transforming women’s lives”

މި ޝިޢާރުގެ މަޤްޞަދަކީ ރަށްފުށުގަޔާއި ސިޓީތަކުގައި ދިރިއުޅޭ އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމާއެކު ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ "އެއްވެސް މީހަކު ބާކީ ނުކުރުމުގެ އަމާޒު"އަށް ވާސިލްވުމެވެ. މިގޮތުން އަންހެނުންނަށް އެކަށީގެންވާ ފެންވަރެއްގައި ދިރިއުޅެވޭނެގޮތް ތަނަވަސްކޮށްދިނުމާއި، ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިވެގެންވާ މާހައުލެއް ފޯރުކޮށްދިނުމާއި، ނަފާލިބެނިވި އިޤްތިޞާދީ ވަޞީލަތްތައް މިލްކުކުރުމާއި، މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމާއި، ސާފު ބޯފެނާއި ރައްކާތެރި ކާނާ ފޯރުކޮށްދިނުމާއި، ވަޒީފާގެ ހަމަހަމަ ފުރުޞަތާއި، ތަޢުލީމު އުނގެނުމުގެ ފުރުޞަތާއި، އެކަށީގެންވާ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ދުނިޔޭގައި ފާހަގަކުރަމުންދާއިރު، މިއަދުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަންހެނުންގެ ޙައްޤުތައް ނިގުޅައިގަނެ، އަންހެނުންނާމެދު ތަފާތުކުރުންތައް ގެންގުޅެ އަދި އެކިއެކި އަނިޔާތައް އަންހެނުންނަށް ލިބެމުންދެއެވެ. ދިވެހިރާއްޖޭގައިވެސް އަންހެނުންގެ ޙައްޤުތައް ނިގުޅައިގަނެ، އެފަރާތްތައް ތަފާތު އަނިޔާގެ ޝިކާރައަކަށްވާކަން ފާހަގަކުރެވިފައިވެއެވެ. މިގޮތުން، ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ އަންހެނުންގެ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާ ގުޅޭ މައްސަލަތަކާއި، އަނިޔާ ލިބޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކާއި، ބައެއް އަސާސީ ޙައްޤުތައް ނުލިބޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނެއެވެ.

އެހެންކަމުން، ދިރިއުޅުމާއި ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، މުޖުތަމަޢުގައި އަންހެނުންނާމެދު ހުންނަ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް، އަނިޔާއިން ރައްކާތެރިކަން ފޯރުކޮށްދީ، އުފެއްދުންތެރިކަމާއި، ހުނަރުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭނެގޮތަކަށް ޤައުމުގެ ސިޔާސަތުތައް ބައްޓަންކުރުމަކީ މުހިންމުކަމެކެވެ. އެއާއެކު އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިގެން ދިއުމަކީ އެ ޤައުމެއްގެ ހުރިހާ ފަރުދުންނަށް ލިބޭ ކުރިއެރުމެއްކަމަށް ބަލައިގަނެ، ޤާނޫނުތަކާއި ޤަވައިދުތަކުގެ ދަށުން ހެދިފައިވާ ނިޒާމްތައް އިތުރަށް ހަރުދަނާކޮށް އެ ނިޒާމްތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކަކުންވެސް ޢަމަލުކުރުމަށް މިކޮމިޝަނުން އިލްތިމާސްކުރަމެވެ.