ނޫސްބަޔާން - PR-01/2018
23-01-2018ތާރީޙް:
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤަރާރުތަކުން ބާރުއަޅަނީ އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގައި ދައުލަތުގެ ކެރިފޯރުންތެރިކަން ހުރިމިންވަރަކުން ހަމަހަމަކަމާއެކު ހުރިހާ އެންމެނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެއްހަމައެއްގައި ފޯރުކޮށްދިނުމަށެވެ.
ކޮމިޝަނުން 2017 ވަނަ އަހަރު ރާއްޖޭގެ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ އަގުތަކުގެ ފަރަޤު ދެނެގަތުމުގެ ގޮތުން ދިރާސާއެއް ވަނީކޮށްފައެވެ. މި ގޮތުން، ރަށްރަށުގައި މި ޚިދުމަތް ފޯރުކޮށްދޭ އަގުތައް، މާލެއާއި އަޅާބަލާއިރު އެވްރެޖްގޮތެއްގައި 43 އިންސައްތަ އިތުރުކަން ފާހަގަކުރެވުނެވެ.
ކަރަންޓާއި ފެނުގެ ޚިދުމަތްދިނުމުގެ އަގުތަކުގައި ހުރި ފަރަޤު ނައްތާލުމަށް، މާލެއާއި އަތޮޅުތެރޭގައި އެއް އަގެއްގައި ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދައުލަތުން ނިންމާފައިވާ ނިންމުމަށް މިކޮމިޝަނުން މަރުހަބާ ކިޔަމެވެ.
ކޮމިޝަނުގެ އުންމީދަކީ، ކުރިޔަށް އޮތްތަނުގައިވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤަރާރުތަކުން ކަށަވަރުކޮށްދީފައިވާ އިންސާނީ ޙައްޤުތައް އެންމެންނަށް އެއްހަމައެއްގައި ފޯރުކޮށްދިނުމުގެ ގޮތުން ފެނާއި ކަރަންޓުގެ އަގުތަކަށް މި ގެނެވުނު ހެޔޮ ބަދަލު އެހެން ކަންކަމުގައިވެސް ފެނިގެންދާނެކަމަށެވެ.