ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އިންޓަރނޭޝަނަލް މައިގްރަންޓްސް ޑޭ 2017


18-12-2017ތާރީޙް: 

މިއަދަކީ "އިންޓަރނޭޝަނަލް މައިގްރަންޓްސް ޑޭ" ގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެވެ. މިފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރުމުގެ ބޭނުމަކީ ޤައުމުތަކުގެ އިޤްތިޞާދު ކުރިއެރުވުމުގައި ބިދޭސީ މަސައްކަތްތެރިންގެ ޙިއްޞާ ފާހަގަކޮށް، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވައި، އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް، އިޙުތިރާމްކުރުމުގެ ޘަޤާފަތެއް ޤާއިމުކުރުމެވެ.

ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނެ، މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓާއި އެހެނިހެން ޒާތީ ލިޔެކިއުންތައް މަސައްކަތްކުރުވާ ފަރާތުން ހިފެހެއްޓުމާއި، މުސާރަ ނުދީ މަސައްކަތް ކުރުވުމާއި، ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމާއި، މަސައްކަތުގެ މާހައުލުގައި ފުރައްސާރަ ކުރުމާއި، ހިއުމަން ޓްރެފިކިންގގެ މައްސަލަތަކާއި، މަސައްކަތުގެ މާހައުލުގައި ބިދޭސީ މަސައްކަތްތެރިންނާ މެދު ތަފާތުކުރުން ގެންގުޅުމުގެ މައްސަލަތަކާއި، ޝަރީއަތުގެ މަރުހަލާގައި ތަރުޖަމާނުން ނުލިބުމުގެ މައްސަލަތަކާއި، ޝަރީއަތް ލަސްވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކާއި، ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނެއެވެ.

އެހެންކަމުން، ޤާނޫނުއަސާސީއާއި ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ބިދޭސީ މަސައްކަތްތެރިންނަށްވެސް ލިބޭ އެންމެހާ ޙައްޤުތައް އެއްވެސް ތަފާތުކުރުމެއްނެތި ފޯރުކޮށް ދިނުމަށާއި، އެޙައްޤުތައް ފޯރުކޮށް ދިނުމުގައި އިހްމާލުވާ ފަރާތްތަކަށް ޤާނޫނުގެ ތެރެއިން ފިޔަވަޅު އެޅުމުގެ މުހިންމުކަން މިފުރުސަތުގައި ފާހަގަކުރަމެވެ. އަދި، ބިދޭސީ މަސައްކަތްތެރިންގެ ނާޖާއިޒު ފައިދާ ނަގާ، ހިއުމަން ޓްރެފިކިންގ ފަދަ ދަށު ދަރަޖައިގެ ޢަމަލުތަކުގެ ޝިކާރައަކަށް ބިދޭސީ މަސައްކަތްތެރިން ހަދާ ފަރާތްތަކަށް ޙައްޤު އަދަބުދޭން ޖެހެއެވެ. މިއާއެކު، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނު އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޛުކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް މިފުރުސަތުގައި އިލްތިމާސްކުރަމެވެ.




ހަމައެންމެ، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގައި މީޑިއާގެ ދައުރު މިހާރަށްވުރެ ފުޅާކުރުމުގެ މުހިންމުކަން މިހިނދު ފާހަގަ ކުރަމެވެ. އަދި، ބިދޭސީ މަސައްކަތްތެރިންނަކީވެސް އިންސާނުންކަމަށްވީތީ، އެފަރާތްތަކާ
މުޢާމަލާތްކުރުމުގައި ޤަދަރުވެރިކަމާއި އިޙްތިރާމާއެކު ޢަމަލު ކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބިދޭސީ މަސައްކަތްތެރިން އަހުލުވެރިކުރުވުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި ވަޒީފާ ދޭ ފަރާތްތަކުންކުރާ މަސައްކަތް މިހާރަށްވުރެ ފުޅާކުރުމުގެ މުހިންމުކަންވެސް ފާހަގަކުރަމެވެ.