ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް 2017


10-12-2017ތާރީޙް: 

މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަހެވެ. ހަމަމިއާއެކު، މިއަދަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީ އެ ޙައްޤުތައް ފޯރުކޮށްދެވޭ މިންވަރު ދެނެގަނެ، އެ ޙައްޤުތަކަށް މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރުމަށް ވަކި މުއައްސަސާއެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ވުޖޫދަށް އައިސް ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަތާ 14 އަހަރު ފުރިގެންދާ އުފާވެރި މުނާސަބާވެސްމެއެވެ. އެހެންކަމުން މި އުފާވެރި ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަމެވެ.

މިއަހަރަކީ މާތްވެގެންވާ އިސްލާމްދީނުގައި އެކަށައަޅުއްވާ ކަށަވަރުކޮށްދެއްވާފައިވާ އިންސާނީ ޙައްޤުތައް ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގައި ހިމަނާ ޢަމަލުކުރަމުންދާތާ 9 އަހަރު ފުރި 10 ވަނަ އަހަރަށް މަރުޙަބާ ކިޔާ ތާރީޚީ އަހަރު ކަންވެސް އުފަލާއެކު ފާހަގަކުރަމެވެ. މި ޤާނޫނުއަސާސީގެ ދެވަނަ ބާބު 'އަސާސީ ޙައްޤުތަކާއި މިނިވަންކަން'، މި ބާބުގައި ދުނިޔޭގެ ގިނަ ޤައުމުތަކަށްވުރެ ފުރިހަމައަށް ޙައްޤުތައް ބަޔާންކޮށް އެ ޙައްޤުތައް ކަށަވަރުކޮށްދީފައިވާކަން ފަޚުރުވެރިކަމާއެކު މި ފުރުޞަތުގައި ފާހަގަކުރަމެވެ.

ހަމަ އެހެންމެ މިއަދަކީ ޔުނިވަރސަލް ޑެކްލެރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫ.ޑީ.އެޗް.އާރ) ނުވަތަ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ އާންމު ޤަރާރަށް 70 އަހަރު ފުރުން ފާހަގަކުރުމަށް ބައިނަލްއަޤުވާމީ ކެމްޕެއިނެއް އިފްތިތާޙު ކުރެވިގެންދާ ތާރީޚީ ދުވަހެކެވެ. އދ. ގެ ޖެނެރަލް އެސެންބްލީއިން 1948 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ފާސްކޮށްފައިވާ ޔޫ.ޑީ.އެޗް.އާރް އަކީ އިންސާނީ ޙައްޤުތަކުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު މޭލުގަލެކެވެ. އެއީ ނަސްލާއި، ކުލައާއި ދީނާއި ޖިންސާއި ބަހާއި މުދަލާއި އުފަންވީ ތަނާއި އަދި ސިޔާސީ ފިކުރަށް ބެލުމެއްނެތި ހުރިހާ އިންސާނުންނަށް ހަމަހަމަކަމާއެކު އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް އެޅުނު ބިންގަލެކެވެ. ކުރިޔަށް މިއޮތް 70ވަނަ އަހަރަކީ މި ޤަރާރުގައިވާ ދުނިޔެ ޤަބޫލުކުރާ އަގުތަކަށް އިތުރަށް ސަމާލުކަންދީ އެކަންކަން އިތުރަށް ހަރުދަނާކޮށް ދުނިޔޭގެ ކަންކޮޅުތަކުން މިކަމަށްޓަކައި މީހުން ހަރަކާތްތެރިކޮށް ދުނިޔޭގައި އިންސާނީ ޙައްޤުތަކުގެ އަދުގެ ޙާލަތު ދެނެގަނެ ވަޒަންކުރުމަށް ލިބިގެންދާ ފުރުޞަތެކެވެ.



މި ކެމްޕޭނުގެ މަޤްޞަދުތަކަކީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު އިފްތިތާޙުކުރެވިފައިވާ 'ސްޓޭންޑް އަޕް ފޯރ ހިއުމަން ރައިޓްސް" (އިންސާނީ ޙައްޤުތަކަށްޓަކައި ތެދުވަމާ) މިޝިއާރުގެ ދަށުން އިންސާނީ ޙައްޤުތަކާބެހޭ އާންމު ޤަރާރުގައިވާ ޙައްޤުތައް ކުރިއެރުވުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަބައެއް ބައިވެރިވާނޭހެން އިންސާނީ ޙައްޤުތަކަށްޓަކައި މީހުން ޙަރަކާތްތެރިކުރުވުމާއި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި ދިމާވާ ގޮންޖެހުންތައް ދެނެގަތުމުގެ އިތުރުން، ކޮންމެ މީހަކުވެސް އިންސާނީ ޙައްޤުތަކަށް ތެދުވެ، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމެވެ.

ހަމަ މިއާއެކު މި އަހަރު އިތުރަށް ޙާއްޞަވެގެން މިދަނީ މި އަހަރަކީ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް އެކުލަވާލާފައިވާ ބިލް އޮފް ރައިޓްސްގައި ހިމެނިފައިވާ ދެ މުއާހަދާ ކަމުގައިވާ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުއާހަދާ އަދި އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ މުއާހަދާއަށް 50 އަހަރު ފުރިގެންދާ މުނާސަބު އަހަރު ކަމުގައިވެސް ވާތީއެވެ.

އިންސާނީ ޙައްޤުތަކުގެ ނަޒަރުން ބަލާއިރު މި އަހަރަކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ކުރިއަރުވާ، ދެމެހެއްޓުމަށް ގިނަގުނަ ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެންދިޔަ އަހަރެކެވެ. މި ގޮތުން، ޖިނާޢީ އަދުލުގެ ނިޒާމާބެހޭ ޤާނޫނުތައް ފާސްވެ މި އަހަރު އަމަލުކުރަން ފެށިފައިވެއެވެ. މިގޮތުން، ފާހަގަކުރެވޭ ދެ ޤާނޫނަކީ، ޤާނޫނުލް އުޤޫބާތާއި ޖިނާއީ އިޖުރާޢަތުގެ ޤާނޫނެވެ. ނަމަވެސް އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ޙިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްނުވެވާކަން ފާހަގަކުރަމެވެ. އެގޮތުން ހެއްކާބެހޭ ބިލު، މަދަނީ އިޖުރާއަތުގެ ބިލު، ޖުވެނައިލް ޖަސްޓިސް ބިލު، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބިލު، ހެކިންނަށް ހިމާޔަތް ދިނުމާބެހޭ ބިލު ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރުވެރިކަން ނަގަހައްޓައި، ދެމެހެއްޓުމަށް، ދައުލަތުގެ ތިންބާރުންވެސް މަސައްކަތްކުރުމަކީ މުހިންމުކަމެއް. ޤާނޫނުއަސާސީއާއި، ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އެއްވެސް ޙައްޤެއް، ނިގުޅައިނުގަނެވޭނެގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި، ޤައުމުގެ ސުލްޙަމަސަލަސްކަމާއި، އަމަންއަމާންކަން ދެމިއޮންނާނޭ ގޮތަށް، ހުރިހާ ފަރާތްތަކުންވެސް ޢަމަލު ކުރުމަށާއި، ކޮންމެ ފަރުދެއްގެވެސް އިންސާނީ ކަރާމާތް ނެގެހެއްޓުމަށް، ސަމާލުކަން ދިނުމަކީ މުހިންމުކަމެއްކަމުގައި ފާހަގަކުރަމެވެ.

ޙައްޤުތައް ހޯދުމަށް އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި ޙައްޤުތަކާއެކު ޒިންމާތަކެއްވާކަން ޤަބޫލުކޮށް އަނެކާގެ ޙައްޤުތަކަށް އިޙްތިރާމްކުރުމަކީވެސް މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެ އިސްލާމީ ރިވެތި އުސޫލްތަކާ އެއްގޮތްވާގޮތުގެމަތިން އެކަކު އަނެކަކަށް އިޙްތިރާމްކޮށް ވަރަށް އެކުވެރިކަމާއެކު އުޅެމުންއައި ބައެކެވެ. ނަމަވެސް، މިފަހަކަށް އައިސް ދިވެހި މުޖުތަމަޢުއިން ފެންނަމުން މިދަނީ ވަރަށް ތަފާތު މަންޒަރުތަކެއްކަން ހިތާމައާއެކު ފާހަގަކުރަމެވެ. އެކަކު އަނެކަކަށް


ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އެކަކު އަނެކެއްގެ އަބުރު ނަގާލުމާއި މުޖުތަމަޢުގައި ނަފްރަތު އުފެދޭފަދަ ޢަމަލުތައް އިތުރުވުމާއި މީހުންގެ ފުރާނައަށް ގެއްލުންވާފަދަ ޢަމަލުތައް އިތުރުވަމުންދާކަން ހިތާމައާއެކު ފާހަގަކުރަމެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީވެސް ވަކި ޙުދޫދެއްގެ ތެރެއިން ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭ ޙައްޤަކަށް ވާއިރު އެއްވެސް ބެލުމެއްނެތި، އެހެން މީހުންގެ ޤަދަރާއި ޢިއްޒަތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓުމުން މިކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް މި މުޖުތަމަޢުއަށް ކުރަމުންދާކަން ހިތާމައާއެކު ފާހަގަކުރަމެވެ.

އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް، ރައްކާތެރިކޮށް، ކުރިއަރުވާ ދެމެހެއްޓުމަށް، މި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގައި ސަރުކާރުގެ އިދާރާތަކާއި ސިޔާސީ ޕާޓީތަކާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އާންމުފަރުދުން ގުޅިގެން، އެއް ރޫޙެއްގައި މަސައްކަތްކުރުމަކީ މުހިންމުކަމެއްކަމުގައި ދެކެމެވެ.