ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މާފުށި ޖަލަށް މޮނިޓަރިންގގެ ޓީމެއް ޒިޔާރަތްކޮއްފި


05-12-2017ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)އިން ކ. މާފުށީގައި ހުންނަ ޖަލަށް 04 ޑިސެމްބަރ 2017 ވީ ހޯމަ ދުވަހު މޮނިޓަރިންގ ޒިޔާރަތެއްކޮށްފިއެވެ. މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ މި ޖަލުގައި ހުކުމް ތަންފީޛް ކުރަމުންދާ ޤައިދީންނާއި މެދު ޢަމަލު ކުރެވޭގޮތާއި ތަނުގެ ޢާންމު ޙާލަތާއި، މި ޖަލުގައި ހިނގާފާނޭ އެއްވެސް އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލަކުން ޖަލުގެ ޤައިދީން ރައްކާތެރިކުރުމުގެ ގޮތުން 2009 ވަނަ އަހަރުން 2016 ވަނަ އަހަރުގެ ނިޔަލަށް މި ކޮމިޝަނުން މާފުށި ޖަލަށް ކުރި ޒިޔާރާތްތަކުގެ ރިޕޯޓުތަކުގައި އިސްލާހުކުރުމަށް ހުށަހެޅިފައިވާ ހުށަހެޅުންތައް ތަންފީޛުވެފައިވާ މިންވަރަށާއި، މި ހުށަހެޅުންތައް ތަންފީޛުކުރުމަށް ދައުލަތުގެ ފަރާތުން އަޅާފައިވާ ފިޔަވަޅުތަކަށާއި، އަދި ކުރީގެ ޖަލުގެ އާންމު ޙާލަތަށް ވުރެ މިހާރު ޖަލުގެ ޙާލަތު ދަށަށް ގޮސްފައިވޭތޯ ބެލުމެވެ.

މި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް، ޒިޔާރަތްކުރާތާ ގިނަވެގެން 3 ދުވަހުގެ ތެރޭގައި މާފުށި ޖަލާއި ހިއްސާކުރެވޭނެއެވެ. އަދި މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓު މާފުށި ޖަލާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކޮށް، ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްފަރާތްތަކާއެކު ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯ-އަޕް ހެދުމަށް ކޮމިޝަނުންވަނީ ކަނޑައަޅާފައެވެ.