ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް


ތާރީޙް: 03-12-2017

ބައިނަލްއަޤްވާމީ ފެންވަރެއްގައި މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލަތާމެދު މުޖުތަމަޢު ހޭލުންތެރިކުރުވާ، އެހެން މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް މުޖުތަމައުގައި ހަރަކާތްތެރިވެ އުޅުމަށް މަގުފަހިކުރުމުގެ ގޮތުން އެފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް ބާރުއެޅުމެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމަޢުގެ ބައެއް ކަމުގައި ދެކި، އެއްވެސް މީހަކު ބާކީ ނުކޮށް، އެންމެންގެ ޝާމިލުވުން ހިމެނޭ ގޮތަށް ޤައުމުގެ ކަންކަން ބައްޓަންކުރުމުގެ މުހިންމުކަން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި 2030 ގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، މި އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ޝިއާރުގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވަނީ؛

“Transformation towards sustainable and resilient society for all”

މިޝިއާރު ބިނާވެފައިވަނީ އެންމެންގެ ޝާމިލުވުމުން ހިމެނޭ ދެމެހެއްޓެނިވި އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މައްޗަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ހަމަހަމަކަމާއެކު ޙައްޤުތައް ލިބިދިނުމަށް ޤާނޫނުއަސާސީގައި ބާރު އަޅާހިނދު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވިފައިވާ ވަރަށް ހަރުދަނާ މަސައްކަތެއްކަން ފާހަގަކުރަމެވެ. އަދި މުޖުތަމަޢުގެ ކަންކަމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، ބާރުވެރިކުރުވުމުގެ ގޮތުން އެފަދަ ފަރާތްތަކަށް ވަޒީފާ ދިނުމަށް ހިންގާ ޕްރޮގްރާމްތަކަކީ މިފަހަކަށް އައިސް ދައުލަތުން އަޅާފައިވާ ހަރުދަނާ ފިޔަވަޅެއްކަމުގައި ދެކެމެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނަށް މި އަހަރު ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު އަތޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ސިއްޙީ ފަރުވާ ނުލިބުމާއި، އެފަދަ ފަރާތްތައް ޤަވާޢިދުން ބޭނުން ކުރަން ޖެހޭ ބައެއް މުހިންމު ބޭސް ރަށްރަށުން ލިބެން ނުހުންނަކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނެއެވެ. ޚާއްސަ ގޮތެއްގައި، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޑޮކްޓަރަށް ދެއްކުމުގައާއި ބޭސް ހޯދުމުގައި ދިމާވާ ދަތިތައް ހިމެނެއެވެ. މިކަމުގެ ސަބަބުން އެ ފަރާތްތަކަށް ސިއްޙީ ފަރުވާ ހޯދުމުގައި ނުހަނު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރަމެވެ.


މީގެއިތުރުން، ޢާއިލާއާއި ދައުލަތުގެ ފަރާތުން އެކަށީގެންވާ ރައްކާތެރިކަން ނުލިބޭކަމަށް ބުނެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައްވެސް ހިމެނެއެވެ.

އެހެންކަމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަކަމާއެކު ވީހާވެސް ގާތުން ސިއްޙީ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މުހިންމުކަން މިފުރުސަތުގައި ފާހަގަކުރަމެވެ. ޚާއްސަ ގޮތެއްގައި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ނަފްސާނީ ނުކުޅެދުންތެރިކަން ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ނަފްސާނީ ބަލީގެ ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމާއި ބޭސް ހޯދުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސަންޖެހެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި، ކައުންސިލްތަކުގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް، ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލު ޤަވައިދުން ބަލޭނެ އިންތިޒާމެއް ހަމަޖައްސައި، އެފަރާތްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި މުވައްސަސާތަކާއެކު މަސައްކަތްކުރުމަށް ކައުންސިލްތަކަށް އިލްތިމާސްކުރަމެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމަޢުގެ ބައެއްގެ ގޮތުގައި ހެދުމަށް ދައުލަތުން މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، 'އެއްވެސް މީހަކު ބާކީ ނުކުރާ ސިޔާސަތު' ގެ ތެރެއިން ޙައްޤުތައް ލިބިގަތުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ނައްތާލުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް މިހާރަށް ވުރެ އިތުރުކުރުމަށްވެސް އިލްތިމާސްކުރަމެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ދެނެގަނެ، އެހެން މީހުންނެކޭ އެއްފަދައިން އެފަރާތްތަކަށްވެސް މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވެވޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމުގެ މުހިންމުކަން ފާހަގަކުރަމެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމަޢުގެ ބައެއްކަމުގައި ދެކި، އެފަދަ ފަރާތްތަކަށް ދޭންވާ އެހީތެރިކަމާއި އަޅާލުން ޢާއިލާއާއި މުޖުތަމަޢުގެ ފަރާތުން ފޯރުކޮށް ދިނުމަށް އިލްތިމާސްކުރަމެވެ.