ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން - PR-10/2017 - އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހުގެ ބަޔާން


25-11-2017ތާރީޙް: 

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އަންހެނުންނާމެދު ކުރާ ތަފާތުކުރުންތައް ނައްތާލުމާއި، އަނިޔާ ލިބެމުންދާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅައި، އަންހެނުންނަށް ކުރާ އަނިޔާއާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ.

މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޘަޤާފަތުގައި އަންހެނުންނަކީ ޚާއްސަ ރައްކާތެރިކަމާއި ޤަދަރެއް ލިބިދީފައިވާ ބައެކެވެ. އަދި އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ދިވެހިރާއްޖޭގައި ވަނީ ޤާނޫނުތަކެއް އެކުލަވާލެވިފައެވެ. މީގެތެރޭގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނާއި، ޖިންސީ ކުށުގެ ޤާނޫނާއި، ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ވަޒީފާޔާބެހޭ ޤާނޫނު އަދި ޖެންޑަރ އީކުއާލިޓީ ޤާނޫނު ހިމެނެއެވެ. އެހެންނަމަވެސް މި ދެންނެވި ޤާނޫނުތައް ތަންފީޛުކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތަކުގެ ދަތިކަން ޚާއްސަގޮތެއްގައި ފާހަގަކުރަމެވެ.

އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާ، ބިރުދެއްކުމާއި، މާލީގޮތުން ދަތިކުރުމާއި އަދި މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ޖިންސީ ފުރައްސާރަކުރުމާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ އިހުމާލުގެ މައްސަލަތަކާއި އަދި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ކުރިމަތިލާންޖެހިފައިވާ އެކި ބާވަތްތަކުގެ އަނިޔާގެ މައްސަލަތައް ހިމެނެއެވެ. އެހެންނަމަވެސް، މުޖުތަމަޢުގައި ބަދުނާމުވެދާނެކަމުގެ ބިރާއި އެފަދަ ވާހަކަތައް އިތުރު މީހަކާ ޙިއްސާކޮށްފިނަމަ އަނިޔާކުރާ ފަރާތުގެ ފުށުން ކުރިމަތިވެދާނެ އިތުރު އަނިޔާތަކަށް ވިސްނައި މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް އަނިޔާ ލިބޭ ފަރާތްތަކުން ފަސްޖެހޭކަން ފާހަގަކުރެވެއެވެ. އަދި މިފަދަ


މައްސަލަތަކާ މެދު ބައެއް ފަރާތްތަކުގެ ވިސްނުން ހުންނަ ގޮތުން އަނިޔާގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ބައެއް ފަރާތްތަކުން ޖެހިލުންވާކަންވެސް ފާހަގަކުރެވެއެވެ.

އެހެންކަމުން، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވައި، އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލައި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާނޫނުތައް ތަންފީޒުކުރުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް މިހާރަށް ވުރެ އިތުރުކުރުމުގެ މުހިންމުކަން މިފުރުސަތުގައި ފާހަގަކުރަމެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާއާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް، އަންހެނުންނަށް ލިބޭ އަނިޔާގެ މައްސަލަތައް ބަލާ ފަރާތްތަކަށް އެކަށީގެންވާ ތަމްރީން ދިނުމުގެ މުހިންމުކަންވެސް ފާހަގަކުރަމެވެ. އަނިޔާ ލިބޭ އަންހެނުންނާ މެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކޮށް، އާއިލާއާއި މުޖުތަމަޢުގެ ފަރާތުން، އެފަދަ ފަރާތްތަކަށް ދޭންޖެހޭ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ނަސޭޙަތްތެރިވަމެވެ. އަދި އަންހެނުންނަށް އަނިޔާ ކުރާ ފަރާތްތަކާއި އަންހެނުންނަށް އަނިޔާ ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދައްކާ ފަރާތްތަކަށް ޤާނޫނުގެ ތެރެއިން ފިޔަވަޅުއެޅުމަށް އިލްތިމާސްކުރަމެވެ.

އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމުގައި މީޑިއާއިން ކުރައްވާ މަސައްކަތް ފާހަގަކޮށް، އެފަދަ މައްސަލަތައް ރިޕޯޓުކުރުމުގައި އަންހެނުންގެ ކަރާމާތަށް އުނިކަން ނާންނަ ގޮތަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރަމެވެ.