ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން - PR-09/2017 - ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހުގެ ބަޔާން


19-11-2017ތާރީޙް: 

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުޑަކުދިންނަށް ކުރާ އަނިޔާއާ މެދު އާންމުން ހޭލުންތެރިކޮށް، ކުޑަކުދިންނަށްކުރާ އަނިޔާއާއި ދެކޮޅަށް ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމުޢިއްޔާތަކާއި އާންމު ފަރުދުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދިނުމެވެ. އަދި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެކުދިންގެ ޢާއިލާތައް ތަޙައްމަލު ކުރަންޖެހިފައިވާ ހިތާމައިގައި ބައިވެރިވެ، އެފަރާތްތަކަށް ހިތްވަރުދީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި މުޖުތަމަޢުއާއި ދައުލަތުގެ ދައުރު އިތުރަށް ފުޅާކުރުމެވެ.

ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނަށް ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާ، ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން ހެދިފައިވާ ޤާނޫނުތަކުގެ ތެރޭގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަމްބަރު 91/9) އާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2009/12) އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2012/3) ފާހަގަކޮށްލަމެވެ. މީގެ އިތުރުން، ދައުލަތުގެ ބެލުމުގެދަށުގައި ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ތިބި ކުޑަކުދިންނަށް އަޅާނުލާ ބެލެނިވެރިން ސަރުކާރުގެ ވަޒީފާތަކުގައި ތިބިނަމަ އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެކުދިންނަށް ކުރާއަނިޔާއާ ދެކޮޅަށް އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއްކަން ފާހަގަކުރަމެވެ.

ކޮމިޝަނަށް ހުށަހެޅޭ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު، ޖިސްމާނީ އަނިޔާގެ މައްސަލަތަކާއި، ޖިންސީ އަނިޔާގެ މައްސަލަތަކާއި، ނަފްސާނީ އަނިޔާގެ މައްސަލަތަކާ އަދި އިހުމާލުގެ މައްސަލަތައް ހިމެނެއެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި ކޮމިޝަނަށް ހުށަހެޅޭ ގިނަ މައްސަލަތަކަކީ ޢާއިލާގެ ފަރާތުން ކުދިންނަށް ދޭންޖެހޭ އަޅާލުމާއި ރައްކާތެރިކަމަށް އިހުމާލުވެގެން ހުށަހެޅޭ މައްސަލަތައްކަން ހިތާމައާއެކު ފާހަގަކުރަމެވެ.

އެހެންކަމުން، ކުޑަކުދިންނަށް އަނިޔާކުރާ އަދި އިހުމާލުވާ ފަރާތްތަކަށް، ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުގެ ތެރެއިން ޙައްޤު އަދަބު ދޭންޖެހެއެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޑްރާފްޓް މަރުހަލާގައިވާ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބިލު ވީ އެންމެ އަވަހަކަށް ފާސްކޮށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރުމުގައި ދިމާވާ ހުރަސްތައް ނައްތާލައި އެ ޤާނޫނުތައް ތަންފީޒުކުރަންޖެހެއެވެ. ހަމައެހެންމެ، އަނިޔާ ލިބިފައިވާ

ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ މަރުކަޒުތައް ހިންގުމަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތައް އިތުރުކޮށް އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަމާގުޅުންހުރި ދާއިރާތަކުން ތައުލީމާއި ތަމްރީން ލިބޭނެ އިތުރު ފުރުސަތުތައް ތަނަވަސް ކޮށްދޭންޖެހެއެވެ. ހަމައެހެންމެ، މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނާއި އެހެނިހެން ކުށްތަކަށް ހުށަހެޅޭ ކުޑަކުދިން ރިހެބިލިޓޭޓްކޮށް ހަރުދަނާ ޒުވާނުންގެ ގޮތުގައި މުޖުތަމަޢުއަށް އަނބުރާ ގެނައުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރުމުގެ މުހިންމުކަން މިފުރުސަތުގައި ފާހަގަކުރަމެވެ.

ހަމަމިއާއެކު، ކުޑަކުދިންނާ ގުޅުންހުރި ކަންކަން ނިންމާއިރު، ހުރިހާ ފަރާތްތަކަކުންވެސް، ކުދިންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމުމަށް އިސްކަންދިނުމުގެ މުހިންމުކަން މިފުރުސަތުގައި ފާހަގަކުރަމެވެ. މައިންބަފައިންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމުގައި ކުދިންގެ މަޞްލަޙަތަށް އަބަދުމެ އިސްކަންދިނުމަށް ނަސޭހަތްތެރިވަމެވެ. ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މީޑިއާތަކާއި އަމިއްލަ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެމަސައްކަތްތައް މިހާރަށްވުރެ އިތުރުކުރުމަށް އިމްތިލާސްކުރަމެވެ. އެގޮތުން، ކުޑަކުދިންނަށް ކުރާ އަނިޔާއާ މެދު ހޭލުންތެރިކުރުވާ، ރައްކާތެރި އަމާން މާހައުލެއް ޤާއިމުކުރުމުގެ މައުލޫމާތު ހިމެނޭ ޕްރޮގްރާމްތައް އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރަމެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުމުގައި އެކުދިންގެ ކަރާމަތަށް އުނިކަން ނާންނަ ގޮތައް ޚަބަރާއި މައުލޫމާތު ފެތުރުމުގައި ސަމާލުކަން ދެއްވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.