ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ހުޅުމާޅެ ޖަލަށް ޒިޔާރަތްކޮށްފި


30-10-2017ތާރީޙް: 

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)އިން ހުޅުމާލޭގައި ހުންނަ ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް 26 އޮކްޓޯބަރ 2017 ގައި ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގެ މަޤްޞަދަކީ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދިންނާއި ބަންދުކޮށްފައި ތިބި މީހުންނަކީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ބަންދުކޮށްފައި ތިބިމީހުންތޯ ބަލައި، ހުޅުމާލެ ޖަލުގެ މިންގަޑުތައް ހުރީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ މިންގަޑުތަކާ އެއްހަމައެއްގައިތޯ ބަލައި، ހުޅުމާލެ ޖަލުން ދެވޭ ޚިދުމަތްތައް ބަލައި ޗެކްކުރުމާއި މިނިވަންކަންގެއްލޭ ގޮތަށް ބަންދު ކުރެވިފައި ތިބޭ މީހުންނާ މެދު ލާއިންސާނީ ދަށުދަރަޖައިގެ އެއްވެސް ބާވަތެއްގެ ޢަމަލެއް ހިނގާތޯ ބަލައި އެކަންތައްތައް ދެނެގަތުމެވެ. އަދި މި ޒިޔާރަތުގައި ބަންދުކުރެވިފައި ތިބި ބޭރުމީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް އެމީހުންނާއި މެދު ޢަމަލުކުރެވެމުންދަނީ މޯލްޑިވްސް އިމިގްރޭޝަންގެ ޕްރޮސީޖާސްތަކާއި އެއްގޮތްވާގޮތުގެ މަތިންތޯ ބެލުނެވެ. މި ޒިޔާރަތުގައި 2016 ވަނަ އަހަރު މި ޖަލަށް ކޮށްފައިވާ ޒިޔާރަތުގައި ހުށަހަޅާފައިވާ ކަންތައްތަކުގެ ފޮލޯއަފް ހެދުނެވެ.

މި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް ހުޅުމާލެ ޖަލާއި ހިއްސާކުރެވޭނެއެވެ. އަދި މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓު ހުޅުމާލެ ޖަލު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކޮށް، ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހުޅުމާލެ ޖަލު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަންގެ އިސްފަރާތްތަކާއެކު ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން އަހަރަކު ދެފަހަރު ފޮލޯ-އަޕް ހެދުމަށް ކޮމިޝަނުންވަނީ ކަނޑައަޅާފައެވެ.