ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ފިޔަވަތިއަށް މޮނިޓަރިންގގެ ޓީމެއް ޒިޔާރަތްކޮއްފި


ތާރީޙް: 11-10-2017

ހިއުމަން ރައިޓްސް ކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)އިން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ މަރުކަޒު "ފިޔަވަތި"އަށް 8 އޮކްޓޯބަރ 2017ވީ އާދިއްތަ ދުވަހު މޮނިޓަރިންގ ޒިޔާރަތެއްކޮށްފިއެވެ. މި ޒިޔާރަތުގެ މައިގަނޑު މަޤްސަދަކީ ފިޔަވަތީގެ މިހާރުގެ ޙާލަތު ދެނެގަތުމާއި، ފިވަޔަތީގައި ބަލަހައްޓަމުންގެންދާ ކުދިންނާދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯ ބެލުމާއި، މި މަރުކަޒުގައި އެފަދަ ކަމަކަށް މަގުފަހިވާފަދަ ކަމެއް ހުރިތޯބެލުމާއި، ދަޢުލަތުގެ ބެލުމުގެދަށުގައި ބައިތިއްބާފައި ތިބޭފަރާތްތަކަށް ލިބިދޭންޖެހޭ ހައްޤުތައް މި މަރުކަޒުގައި ބައިތިއްބާފައި ތިބި ކުދިންނަށް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމާއި، ފިޔަވަތީގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުމެވެ.

މިޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް، ޒިޔާރަތްކުރާތާ ގިނަވެގެން 3 ދުވަހުގެ ތެރޭގައި މަރުކަޒާ ހިއްސާކުރެވޭނެއެވެ. އަދި މިޒިޔާރަތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓު މި މަރުކަޒާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ، އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކޮށް، ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ އިސްފަރާތްތަކާއެކު ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯ-އަޕް ހެދުމަށް ކޮމިޝަނުންވަނީ ކަނޑައަޅާފައެވެ.