ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ބައިނަލްއަޤްވާމީ ދޮށީއުމުރުގެ މީހުންގެ ދުވަސްގެ ބަޔާން


01-10-2017ތާރީޙް: 

ބައިނަލްއަޤްވާމީ ދޮށީއުމުރުގެ މީހުންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ޢުމުރުން ދުވަސްވީ އެންމެހާ ފަރާތްތަކަށް އަރިސްކުރަމެވެ.


މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދޮށީއުމުރުގެ މީހުންގެ އަގުވަޒަންކޮށް، އެފަރާތްތަކުގެ ތަޖްރިބާއާއި ހުނަރާއި، ޤައުމަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތައް ބަލައިގަނެ، މުޖުތަމަޢުގެ ކަންކަމުގައި އެ ފަރާތްތައް ބައިވެރިކުރުމެވެ. މި އަހަރުގެ ދޮށީއުމުރުގެ މީހުންގެ ދުވަހުގެ ޝިޢާރަކީ؛
“Stepping into the Future: Tapping the Talents, Contributions and Participation of Older Persons in Society”.
މި ޝިޢާރުގެ މައިގަނޑު އަމާޒަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި ދޮށީއުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކަށް އެފަދަ ފުރުޞަތުތައް ހޯދައި ދިނުމެވެ.


2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން، ދިވެހިރާއްޖޭގެ އާބާދީގައި ދޮށީއުމުރުގެ މީހުންގެ އާބާދީ އަންނަނީ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންނެވެ. އެހެންކަމުން ދޮށީއުމުރުގެ މީހުންނަށް ނަފުސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮކަމާއެކު އުޅެވޭނެ ފަހި މާހައުލެއް ޤާއިމުކޮށް، ސިޔާސަތުތައް ބައްޓަންކުރުމުގައި އެފަރާތްތަކުގެ ތަޖުރިބާއާއި ހުނަރުގެ ބޭނުން ހިފުމަކީ ނުހަނު މުހިންމުކަމެކެވެ.

ދޮށީއުމުރުގެ މީހުންނާ ގުޅޭ ގޮތުން ދިވެހިރާއްޖޭގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ބަލާއިރު، ދޮށީއުމުރުގެ މީހުންނަށް ކިޔުގައި ނުޖެހި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމްތަކާއި، އެނދުމަތި ކުރެވިފައިވާ ދޮށީއުމުރުގެ މީހުންގެ ގާތަށް ޞިއްޙީ އެހީތެރިން ޒިޔާރަތްކުރުމާ އަދި ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ދޮށީއުމުރުގެ މީހުންނަށް އަޅާ ނުލާ ދަރިން ދައުލަތުގެ ވަޒީފާގައި ތިބިނަމަ ފިޔަވަޅު އެޅުމަށް ނިންމި ނިންމުމަކީ ދޮށީއުމުރުގެ މީހުންގެ ޙައްޤުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ދައުލަތުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކެއްކަން ފާހަގަކުރަމެވެ.

ކޮމިޝަނަށް ހުށަހެޅޭ ދޮށީއުމުރުގެ މީހުންގެ މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު، ދައުލަތުން ފޯރުކޮށްދޭ ޢިނާޔަތް ލިބުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ދަތިވެގެން ހުށައަޅާފައިވާ މައްސަލަތަކާއި، ޢާއިލާގެ ފަރާތުން ލިބިދޭންޖެހޭ ލޯތްބާއި އަޅާލުމާއި އެހީތެރިކަމާއި މަދަދުވެރިކަން ނުލިބި އިހުމާލުވާ މައްސަލަތައް ހުރިކަން ހިތާމައާއެކު ފާހަގަކުރަމެވެ.


ދޮށީއުމުރުގެ މީހުންނަށް އަޅާލައި އިޙްތިރާމްކުރުމަކީ މާތްވެގެންވާ އިސްލާމްދީނުގައިވެސް ނުހަނު ބޮޑަށް ބާރުއަޅާފައިވާކަމެކެވެ. އަދި ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ށ)ގައި ބަޔާންވެގެންވާ ގޮތުން، ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ އެފަރާތްތަކަށް ލިބިގެންވާ ޙައްޤެކެވެ.

ވުމާއެކު، ދޮށީއުމުރުގެ މީހުންގެ ތަޢުލީމާއި ތަޖުރިބާ ޤައުމުގެ ތަރައްޤީގެ ކަންކަމުގައި ބޭނުންކުރެވޭނެ ސިޔާސަތުތަކެއް ޤާއިމުކޮށް، މުޖުތަމަޢުގެ ކަންކަމުގައި ދޮށީއުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ. މީގެ އިތުރުން، ދޮށީއުމުރުގެ މީހުން ބަލަހައްޓަން ޖެހޭ ފަރާތްތައް ޒިންމާދާރުކުރެވޭނެ އަދި އެކަންކަން ބެލޭނެ ހަރުދަނާ އުޞޫލުތަކެއް ޤާއިމުކޮށް، ދޮށީއުމުރުގެ މީހުންނާމެދު އިޙުމާލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ގޮވާލަމެވެ. ހަމައެހެންމެ، ދޮށީއުމުރުގެ މީހުންނަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުގެ އިދާރާތަކަށް ގޮވާލަމެވެ. މީގެއިތުރުން، ޢުމުރުން ދުވަސްވީ މީހުން ޤައުމަށް ކޮށްދީފައިވާ އަގުނުކުރެވޭނެ ޚިދުމަތްތައް ޢާއިލާއިންނާ އަދި މުޖުތަމަޢުން ބަލައިގަނެ، އެފަރާތްތަކަށް ދޭންވާ އިޙްތިރާމާއި، ޤަދަރުދީ މުޖުތަމައުގެ ކަންކަން ނިންމުމުގައި ދޮށީއުމުރުގެ މީހުންގެ ބަސް ހިމެނުމަށް މި ފުރުޞަތުގައި ގޮވާލަމެވެ. އަދި މީޑިޔާތަކުން މިހާރަށްވުރެ ބޮޑަށް ދޮށީޢުމުރުގެ މީހުންގެ ޙައްޤުތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް އިލްތިމާސްކުރަމެވެ.