ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

މުޖުތަމަޢުގައި ހިނގަމުންދާ މާރާމާރީއާއި ގޭންގު ކުށްތައް ހުއްޓުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އިސްނަގައިގެން ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ފަށައިފި


ތާރީޙް: 10-08-2017

މުޖުތަމަޢުގައި ހިނގަމުންދާ މާރާމާރީއާއި ގޭންގު ކުށްތައް ހުއްޓުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އިސްނަގައިގެން ކަމާގުޅުންހުރި މުޢައްސަސާތަކާއެކު ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ފަށައިފިއެވެ.

މިގޮތުން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސިލްސިލާ ބައްދަލުވުންތަކެއް މިއަދު ވަނީ ފަށާފައެވެ. މި ބައްދަލުވުންތަކުގެ މަޤްސަދަކީ، މުޖުތަމަޢުގައި ހިނގަމުންދާ މާރާމާރީއާއި ގޭންގް ކުށްތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ކަމާބެހޭ މުޢައްސަސާތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް، މި ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަގުފަހިކުރުމާއި، މުޖުތަމަޢުގައި ހިނަގަމުންދާ މާރާމާރީއާއި ގޭންގް ކުށްތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ކަމާބެހޭ މުޢައްސަސާތައް ގުޅިގެން މިކަންކަން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށް، ނިންމާ ނިންމުންތައް ތަންފީޒްކުރުމަށް ބާރުއެޅުމާއި، މުޢައްސަސާތައް ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމެވެ.

މި މަސައްކަތާ ގުޅިގެން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ؛ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ، މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް، މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޖުވެނައިލް ޖަސްޓިސް ޔުނިޓެވެ.