ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާނެކަމުގެ އިޤްރާރުގައި 4 ކުންފުޏަކުން ސޮއިކޮށްފި


08-08-2017ތާރީޙް: 

އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާނެކަމުގެ އިޤްރާރެއްގައި މިއަދު 4 ކުންފުޏަކުން ސޮއިކޮށްފިއެވެ. މި ހަތަރު ކުންފުންޏަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އާސަންދަ ކޮމްޕެނީ، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ އަދި ފެނަކަ ކޯޕަރޭޝަން އެވެ.

މިފަދަ އިޤްރާރެއްގައި ސޮއި ކުރުމުގެ މަޤްޞަދަކީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ގޮތަކަށް ވިޔަފާރި ކުންފުނިތަކުގެ އެންމެހާ މުޢާމަލާތްތައް ބައްޓަން ކުރުމަށް ބާރުއެޅުމެވެ.

އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާނެކަމުގެ އިޤްރާރުގައި ސޮއިކުރުމަކީ މި ކޮމިޝަނުން 2016 ވަނަ އަހަރު ފަށާފައިވާ ބިޒްނަސް އެންޑް ހިއުމަން ރައިޓްސް ސްޓްރެޓެޖީގެ ދަށުން ކުރިއަށް ގެންދާ އެއް ހަރަކާތެވެ. މި ސްޓްރެޓެޖީއަކީ އިންސާނީ ޙައްޤުތަކަށް ހޭލުންތެރިވެފައިވާ ޒިންމާދާރު މުޖްތަމަޢުއެއް ބިނާކުރުމަށް ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 'ވިޔަފާރިއާ އިންސާނީ ޙައްޤުތަކުގެ' ދާއިރާއަށް އަމާޒުކޮށްގެން ކޮމިޝަނުން ކުރާ ފުރަތަމަ މަސައްކަތެވެ. މި ސްޓްރެޓެޖީގެ ދަށުން އިޤުރާރުގައި ސޮއިކުރުމުގެ އިތުރުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ވިޔަފާރި ތަކުން 'ހިއުމަން ރައިޓްސް ޕްލެޖް'ގައި ބައިވެރިވުމަށް ބާރުއެޅުން، ވިޔަފާރިއާ އިންސާނީ ޙައްޤުތަކާމެދު މީޑިއާ ހޭލުންތެރިކުރުން، ވިޔަފާރިއާ އިންސާނީ ޙައްޤުތަކާ ގުޅުން ހުރި ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އުޞޫލުތަކުގެ ރިވިއު ހެދުން އަދި ވިޔަފާރިއާ އިންސާނީ ޙައްޤުތަކާ ގުޅުން ހުރި އިދާރީ އަދި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ބާރު އެޅުމުގެ ގޮތުން ދައުލަތުގެ ކަމާ ބެހޭ ފަރަކާތްތަކަށް ލޮބީ ކުރުން ހިމެނެއެވެ.

އިންސާނީ ޙައްޤުތަކަށް އިހްތިރާމް ކުރާނޭކަމުގެ އިޤްރާރުގައި 2016 ވަނަ އަހަރު 5 ކުންފުންޏަކުން ސޮއިކޮށްފައިވެއެވެ. މި ފަސް ކުންފުންޏަކީ އޫރިދޫ، ދިރާގް، މޯލްޑިވްސް ޓްރާންސްޕޯ އެންޑް ކޮންޓްރޭކްޓިންގ ކޮމްޕެނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އަދި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންއެވެ.