ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ދުވަސް 2017


ތާރީޙް: 26-06-2017

މިއަދަކީ އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ހިތްވަރުދިނުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ. މިފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ މަޤްޞަދަކީ އަނިޔާވެރި ލާއިންސާނީ ޢަމަލުތައް ދުނިޔެއިން ނައްތާލައި، ޓޯޗަރގެ ޢަމަލުތަކަކީ އެއްވެސް ދައުލަތަކުން ޤަބޫލު ކޮށްގެންވާނޭކަމެއްނޫންކަން ހާމަކޮށްދިނުމެވެ. މީގެއިތުރުން މި ދުވަސް ފާހަގަކުރުމުގެ އަނެއް ބޭނުމަކީ މިފަދަ އަނިޔާތައް ތަޙައްމަލުކޮށްފައިވާ މީހުންނަށް ހިތްވަރުދީ، އެމީހުން އަލުން އަނބުރާ މުޖުތަމަޢުއަށް ނެރުމަށް އެހީތެރިވެދިނުމެވެ.

އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތައް ދިވެހިރާއްޖޭގައި ހިނގިޔަނުދިނުމަށްޓަކައި ޤާނޫނީގޮތުން ގިނަގުނަ މަސައްކަތްތަކެއްވަނީ ކުރެވިފައެވެ. މިގޮތުން، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި އަނިޔާއިން އެއްކިބާވެ ހުރުމަކީ އަސާސީ ޙައްޤެއްކަމުގައި ކަނޑައަޅައި މިބާބުގެ 54 ވަނަ މާއްދާގައި، އެއްވެސް މީހަކަށް ރަހުމްކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ނުކުރުމަށާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް އެއްވެސް މީހަކަށް ނުދިނުމަށާ އަދި އެއްވެސް މީހަކަށް އަނިޔާއެއް ނުކުރުމަށް ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ، ޤާނޫނުއަސާސީގެ 255 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ޙައްޤަކީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ނުހިފޭއްޓޭނެ ޙައްޤެއްކަމުގައި ކަނޑައަޅާފައިވެއެވެ.

މީގެއިތުރުން، ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު)ގެ 16 ވަނަ މާއްދާގެ (ހ)އިން އަނިޔާގެ ޢަމަލު ހިންގުމުންނާއި، ރަޙުމްކުޑަ ލާއިންސާނީ އިހާނެތި ޢަމަލު ހިންގުމުންނާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުން މިނިވަންވެގެންވުމަކީ، ދިވެހިރާއްޖޭގައި، ހަމަކޮންމެ މީހަކަށްމެ، ހަމަ ކޮންމެ ޙާލަތެއްގައިމެ، ލިބޭ މުތުލަޤް ޙައްޤެކެވެ. އަނިޔާއިން މިނިވަންވެހުރުމާއި އަނިޔާ ލިބޭ ފަރާތްތަކުގެ ޙައްޤުތައް ހޯދައިދިނުމަށް ދިވެހިރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަޤުވާނީ މުޢާހަދާތަކުގެ ތެރެއިންނާ އަދި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން މިފަދަ މައްސަލަތައް މި ކޮމިޝަނުން ދަނީ ބަލައި، އެފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންނެވެ.

2016 ވަނަ އަހަރުގައި "ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިންހިއުމަން އޯރ ޑީގްރޭޑީންގ ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓް" (ކެޓް) އަދި "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދި ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިން ހިއުމަން އޯރ ޑީގްރޭޑީންގ ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓް" (އޮޕްކެޓް)ގެ މަސައްކަތްތައް ޤައުމީ ފެންވަރުގައި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި "ނޭޝަނަލް ކެޓް އަދި އޮޕްކެޓް ކޮމިޓީ" އެކުލަވާލާފައިވާކަމީ ކެޓް އަދި އޮޕްކެޓްގެ ދަށުން ދަޢުލަތުން ކުރުމަށް ލާޒިމްކޮށްފައިވާ ކަންކަން އެންމެ ފުރިހަމަ ގޮތުގައިކޮށް، ދިވެހިރާއްޖޭގެ ޤަނޫނީ ބާރު ހިނގާ ސަރަޙައްދުގެ ތެރޭގައި އަނިޔާގެ ޢަމަލާއި، ރަޙްމުކުޑަ ލާއިންސާނީ އިހާނެތި ޢަމަލާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން ހުއްޓުވުމަށާއި އެފަދަ އެއްވެސް ޢަމަލެއް ހިގަމުންނުދާކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެއްކަމުގައި މި ކޮމިޝަނުން ދެކެމެވެ.

2016 ވަނަ އަހަރު މި ކޮމިޝަނަށް ލާއިންސާނީ އަނިޔާކުރިކަމަށް ބުނެ 34 ޝަކުވާއެއް ހުށަހަޅާފައިވެއެވެ. އެގޮތުން ހައްޔަރުކުރުމުގެ ތެރޭގައި އަނިޔާކުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކާއި، ބަންދުކޮށްފައިހުރި މަރުކަޒުގައި އަނިޔާކުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނެއެވެ. މިނިވަންކަން ގެއްލޭ ގޮތަށް ދައުލަތު ބެލުމުގެ ދަށުގައި މީހުން ބައިތިއްބާފައިތިބޭ މަރުކަޒުތަކަށް މި ކޮމިޝަނުން ގޮސް ބަލާބެލުމުގައި ރަނގަޅުކުރަން ޖެހޭކަމަށް ފާހަގަކުރެވޭ ކަންކަން ރަގަނޅުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައި، އެކަންކަން ރަނގަޅު ކުރަމުން ދޭތޯ ދަނީ ޤަވައިދުން ބަލަމުންނެވެ.

ވުމާއެކު 2004 ވަނަ އަހަރު ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އަނިޔާކުރުމާއި އެހެނިހެން އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލު ހިންގުމާއި އަދަބު ދިނުން މަނާކުރާ މުޢާހަދާގެ ދަށުން އ.ދ.ގެ ކޮމިޓީ އަގެއިންސްޓް ޓޯޗަރއަށް ދައުލަތުން ހުށަހަޅަންޖެހޭ ރިޕޯޓު ވީހާވެސް އަވަހަކަށް ހުށަހަޅައި، ކަމާގުޅުންހުރި އ.ދ.ގެ ކޮމިޓީތަކުން ރަނގަޅުކުރުމަށް ފާހަގަކޮށްފައިވާ ކަންކަން ވީއެންމެ އަވަހަށް ތަންފީޒުކުރުމަށްވެސް މި ފުރުޞަތުގައި އިލްތިމާސްކުރަމެވެ. މީގެއިތުރުން، އަނިޔާ ލިބެމުންދާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަނިޔާއިން އެއްކިބާވެ ހުރުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް އިލްތިމާސްކުރަމެވެ.